މާލޭ ވިޔަފާރި ބަނދަރު ތޮށްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ކ. ތިލަފުށީގައި ތަރައްޤީކުރަމުންދާ މަގަތުފާލަން ބޭނުންކޮށްގެން ކާގޯ އޮޕަރޭޝަންސް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤް ވިދާޅުވީ، މިވަގުތު މާލޭ ޕޯޓުގައި ބޯޓެއް ހުސްކުރުމަށް 8 ދުވަސް ހޭދަވާ ކަމަށެވެ. އަދި މާލޭ ބަނދަރުގެ ކީވޯލްއަކީ 100 މީޓަރުގެ މަގަތުފާލަމަކަށް ވާތީ، ޖާގައިގެ ދަތިކަމާއެކު އެއްފަހަރާ ގާތްކުރެވެނީ އެންމެ ބޯޓަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓް އިތުރުވާ ދުވަސްވަރު ބަނދަރު ތޮށްޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެއެވެ.
ކުރިއަށް އޮތް ޓޫރިޒަމް ސީޒަނާއި ރަމަޟާން މަހާ ދިމާކޮށް އިމްޕޯޓް އިތުރުވާނެތީ، މި އޮޕަރޭޝަން އަވަސްކުރުމުގެ މުހިންމުކަން ހާމަކުރައްވަމުން ޝަފީޤް ވިދާޅުވީ، "ތިލަފުށީގައި މި އޮޕަރޭޝަން ޖެއްސުނީމަ މާލެއިން މިކުރާ އޮޕަރޭޝަން ތިލަފުށީގައިވެސް ހިނގާނެ. މާލެއިން މިކުރެވޭ މަސައްކަތާއި އެއްވަރު މަސައްކަތެއް ހިންގާނެ. އަޅުގަނޑުމެން މި އޮޕަރޭޝަނަށް ތައްޔާރުވާ މައިގަނޑު އެއް ސަބަބަކީ ޓުއަރިޒަމް ސީޒަން މިފެށެނީ، ސީޒަން ދާން ވާއިރަށް، އަނެއްކާވެސް ރަމަޟާން މަސް ފެށެނީ. ކޮންމެ އަހަރެއްގެވެސް ސީޒަނަށް ރަމަޟާން މަހަށް އިމްޕޯޓް އިތުރުވޭ. އެހެންވީމަ ބަނދަރު ތޮށްޖެހިދާނެ ކަމަށް ބެލެވޭނީ އަޅުގަނޑުމެން މި އޮޕަރޭޝަން މި ޖައްސަނީ." ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކުރާ 100 މީޓަރުގެ މި މަގަތުފާލަމަކީ ޓަގާއި ބާޖަށް ޚާއްޞަ ސާވިސް ކީއެއް ނަމަވެސް، ޕޯޓު ތަރައްޤީގެ މުޅި މަޝްރޫޢު ނިމެންދެން ސީޒަނަށް ލުއި ހޯދުމުގެ ގޮތުން މިތަން ބޭނުންކުރަން ނިންމާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މި މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި އޮޕަރޭޝަން ފެށުމަށްޓަކައި އެ ސަރަޙައްދުގައި މުވައްޒަފުންނަށް ބޭނުންވާ ކެއިންބުއިމާއި ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ސީއީއޯ ޝަފީޤް ވިދާޅުވީ، "މިކީވޯލް ފުރަތަމަ ބޭނުން ކުރާނީ އޮކްޓޯބަރ ތެރޭގައި ފަށާ ކާގޯ ކްލިއަރެންސަށް. މިހާރު އަޅުގަނޑުމެން ތިލަފުށީގައި ތައްޔާރުވަމުން މިދަނީ ކާގޯ ލޯޑިން އަންލޯޑިން ކީއެއް. ކާގޯ ޑިސްޗާޖްކޮށްފައި އެމްޓީސީސީން މިހަދާ ކީވޯލް އަޅުގަނޑުމެން ބޭނުން ކުރާނީ ދޯނިފަހަރު ޑޮކްކުރުމަށް. އެއީ އެލްސީއެލް ކޮންޓެއިނަރ. އެކީވޯލްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި އޮތީ. މިހާރު ދަނީ ޕޭވިން މަސައްކަތް. އެހެންވީމަ ލަފާކުރެވޭ ގޮތުގައި މިމަސް ނިމޭ ހިސާބުގައި މިއަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެއްކޮށް ނިމޭނެ. އެހިސާބުން ބޭނުން ކުރަން ފެށޭނެ" ކަމަށެވެ.