ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރު ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެދި ދެންނެވުމަށް އެ ޕާޓީގެ މަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފިއެވެ. ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ރިޔާސަތުގައި ބޭއްވި މި ބައްދަލުވުމުގައި މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. މި ގަރާރު ފާސްވެގެންދިޔައީ ބައިވެރިވި 1119 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ ތާއީދުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއީ ޕީއެންސީގެ މަތީ މަޖިލީހުގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށާއި، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ޑރ. މުޢިއްޒު ދައްކަވާ މަގުން ކުރިއަށްދިއުން ކަމަށެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރައްޔިތުން ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި، އަމިއްލަ ވަސީލަތްތަކުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި 'ދިވެހިންގެރާއްޖެ' ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށާއި އިގްތިސާދު ހަރުދަނާކުރެއްވުމަށް އަޅުއްވަމުން ގެންދަވާ މާލީ އިސްލާހީ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އިގްތިސާދީ ދާއިރާތައް ފުޅާކުރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމާއި، ގެދޮރުވެރިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި އިސްލާމީ އުންމަތާއި ފަލަސްޠީނުގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި އަދާކުރައްވާ އިސް ދައުރު ވަނީ ފާހަގަކުރައްވާފައެވެ.
ޕާޓީގެ މެންބަރުން ދެކޭގޮތުގައި ގައުމަށް ގެންނަވަމުންދާ ހަމަޖެހުމާއި ތަރައްގީ މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުން، ވެރިކަމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެ ބޭފުޅަކަށް ކަށަވަރުވާނެއެވެ.