މައިންބަފައިން ދަރިންނަށް ކޮންމެހެން ދަސްކޮސްދޭންޖެހޭ ފިލާވަޅެއް!: ކުއްޖާގެ ހަށިގަނޑުގައި އެހެން މީހުން އަތްލައިގެން ނުވާނެ 6 ތަނެއް!

ކިޔުމަށް ހޭދަވާނީ 2މ 43ސ
މައިންބަފައިން ދަރިންނަށް ކޮންމެހެން ދަސްކޮސްދޭންޖެހޭ ފިލާވަޅެއް!: ކުއްޖާގެ ހަށިގަނޑުގައި އެހެން މީހުން އަތްލައިގެން ނުވާނެ 6 ތަނެއް!

ސިއުޒާ

 

ނުބައި މީހުންގެ ދަންތުރައިގައި ޖެހެވޭ ކުދިންގެ ކަންކަމަށްބަލާއިރު ގިނަ ކުދިންނަށް މަޅީގައި ޖެހެވެނީ މައިންބަފައިންގެ އިހްމާލުންނެވެ. އެއިހްމާލަކީ ދަރިން ހޭލުންތެރިނުކުރުވޭކަމެވެ. ކިޔައިދޭންޖެހޭ ކަންކަން ކިޔައި ނުދެވޭ ކަމެވެ. ވީމާ މިނަގައިދެނީ ކޮންމެ ބެލެނިވެރިއަކުވެސް ދަރިންނަށް ނަގައިދޭންޖެހޭނެ ފިލާވަޅެކެވެ.  

ފިލާވަޅު: 

ދަރިފުޅާއެވެ! ތިބާގެ ހަށިގަނޑުގައި އެހެން މީހުން އަތްލައިގެން ނުވާނެ 6 ތަނެއް ވެއެވެ. އެ ތަންތާގައި އެއްވެސް މީހަކު އަތްލާން މަސެއްކަތް ކޮށްފިނަމަ މަންމަ ގާތު އަވަހަށް ބުނަންވާނެއެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވީނަމަވެސް މެއެވެ.  

1. ތިބާގެ މޭމަތި

ތިބާގެ މޭމަތީގައި އެއްވެސް މީހަކު އަތްލާ، ފިއްތާ ނުވަތަ ހިފަހައްޓަން މަސެއްކަތް ކޮށްފިނަމަ އަވަހަށް ދުރަށް ޖެހޭށެވެ. އަދި ބޮޑު މީހަކު ގާތުގައި ބުނާށެވެ. ހަށިގަނޑުގެ އެ ތަންތަނަކީ ތިބާ ފިޔަވާ އެހެން މީހުން އަތްލައިގެން ނުވާނެ ތަންތަނެވެ.  

2. ދެފައި ދޭތެރެ

އެ ތަނުގައި އެއްވެސް މީހަކު އަތްލާން މަސެއްކަތް ކޮށްފިނަމަ ބޮޑު މީހަކު ގާތު އަވަހަށް ބުނާށެވެ. ކައިރީގައި ބެލެނިވެރިއަކު ހުރެ، ސިއްޙީ ފަރުވާއަށް ނޫން ގޮތެއްގައި ހަށިގަނޑުގެ އެ ސަރަޙައްދުގައި އެއްވެސް މީހަކު އަތްލިޔަ ނުދޭށެވެ.  

3. ފޫކޮޅު

އެއްވެސް މީހަކު ފޫކޮޅުގައި އަތްލާ، ޖަހާލާ ނުވަތަ ހިފާލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ތިބާގެ ހަށިގަނޑަކީ ތިބާގެ އަމިއްލަ މިލްކެކެވެ. އެހެންކަމުން އެއްވެސް މީހަކު މަޖަލަށް ވިޔަސް އެ ތަންތަނުގައި އަތްލައިގެން  އަދި ކުޅެގެންވެސް ނުވާނެއެވެ.  

4. ތުންފަތް

ބޮޑުމީހަކު ނުވަތަ މުސްކުޅިއަކުވިޔަސް ތުންފަތުގައި ދޮންދޭން އުޅެފިނަމަ ނުވަތަ އަނގައިގައި ތަފާތު ގޮތަކަށް ނުވަތަ އުނދަގޫވާ ގޮތަކަށް އަތްލާން އުޅެފިނަމަ އަވަހަށް ދުރަށް ޖެހިފައި ބޮޑު މީހަކު ގާތުގައި ބުނާށެވެ. ދަރިފުޅުގެ ރައްކާތެރިކަމާއި ހިތްހަމަޖެހުން މުހިއްމެވެ.  

5. ހެދުމުގެ ދަށް

އެއްވެސް މީހަކު ތިބާގެ ހެދުމުގެ ދަށަށް އެމީހުންގެ އަތް ލާން މަސެއްކަތް ކުރާނަމަ ނުވަތަ ހެދުން ބާލަން ބުނާނަމަ އަވަހަށް އައިސް މަންމަ ގާތުގައި ބުނަން ވާނެއެވެ. މަންމަ ނެތްތަނެއްގައިނަމަ ބޮޑު މީހަކަށް އަޑުއިވޭނެ ވަރަށް އެކަން ނުކުރަން ބުނެފައި ދުވެފައި ގޮސް ބޮޑު މީހެއްގެ ގާތުގައި ބުނަންވާނެއެވެ. ރައްކާތެރި ބޮޑެތި މީހުން، ކުޑަކުދިން ގާތު އެފަދަ ކަންކަން ކުރާކަށް ނުބުނާނެއެވެ.  

6. ތިބާ ބިރު ގަންނަ ގޮތަށް ނޫނީ އުނދަގޫ ވާ ގޮތަށް އެއްވެސް މީހަކު ތިބާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އަތްލާނަމަ ނުވަތަ އެއްވެސް މީހަކު ތިބާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އަތްލުމުން ތިބާއަށް ހަދާނެގޮތް ނޭންގި، ބިރުގަނެ، ނޫނީ އުނދަގޫވާނަމަ އެއީ އަވަހަށް ދުރަށް ގޮސް ބޮޑު މިހަކަށް އަންގަންޖެހޭ ކަމުގެ ނިޝާނެކެވެ. 

ތިބާގެ އިޙްސާސްތައް ކަންކަމުގެ ގޯސްކަން އަންގައިދޭން އެހީތެރިވެދޭނެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް މަންމަ ނުވަތަ އިތުބާރު ކުރެވޭ ބޮޑު މީހަކާ ހިއްސާ ކުރާށެވެ. ތިބާގެ ރައްކާތެރި ކަމާއި ގުޅުން ހުރި އެއްވެސް ކަމެއް ސިއްރު ނުކުރާށެވެ.  

ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ އަމިއްލަ ހަށިގަނޑު ރައްކާތެރި ކުރާނެ ގޮތް އެންގެން ވާނެއެވެ. އަދި އިތުބާރުކުރާނީ ކޮންބައަކަށްކަންވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން