ނަފީސާ
މިވާހަކައަކީ މަންމައަކާއި ފިރިހެން ދަރިފުޅެއްގެ މެދުގައި ދެކެވުނު ވާހަކައެއްގެ ޚްލާޞާ ތަރުޖަމާއެކެވެ.
ދަރިފުޅު: މަންމާ، އެއްޗެއް އަހާލަންތަ؟
މަންމަ: ދަރިފުޅު ހުއްދައަށް އެދެން ފެށީ ކޮން އިރަކުތަ؟
ދަރިފުޅު: އަޅުގަނޑުގެ ރައްޓެއްސަކު ކައިވެނިކުރިތާ އަދިވީ އެންމެ ދެ އަހަރު، އެކަމަކު އޭނާ ބުނަނީ އޭނާގެ އަނބިމީހާ އަބަދުވެސް ޝަކުވާކުރަނީ ކަމަށް. އޭނާ ހަދިޔާ ހޯދައިދޭ، ބިލްތައް ދައްކައިދޭ، އެހެން ނަމަވެސް އަނބިމީހާ ބުނަނީ އުފަލެއް ނުވެޔޯ. އަންހެނުން އުޅޭގޮތް އަޅުގަނޑަކަށް ނުވިސްނޭ.
މަންމަ: ދަރިފުޅާ، ގިނަ ފިރިހެނުން ހީކުރަނީ އަންހެނުންނަކީ ދޭހަވާން އުނދަގޫ ބައެއް ކަމަށް، އެކަމަކު ހަގީގަތަކީ ގިނަ އަންހެނުންނަށް ހަގީގަތުގައި ބޭނުންވާ ކަންތައްތައް އަބަދަކު ބުނެއެއް ނުދޭނެ. އެމީހުން އުންމީދުކުރަނީ އެމީހުން ލޯބިވާ ފިރިހެނާއަށް އަމިއްލައަށް އެކަންކަން ފާހަގަވާނެ ކަމަށް.
ދަރިފުޅު: މަންމަ ތި ބުނަނީ އަންހެނުން އެމީހުންގެ ހަގީގީ އިހުސާސްތައް އަބަދު ފާޅުނުކުރާ ވާހަކަތަ؟
މަންމަ: މުޅިއަކުން އެހެންނެއް ނޫން ދަރިފުޅާ. ގިނަ އަންހެނުން ވާހަކަދައްކަނީ އެމީހުންގެ އަމަލުތަކުންނާއި ހިމޭންކަމުން. އެމީހުން އާދޭސްކުރަންދެން މަޑުނުކޮށް، އެމީހުން ލޯބިވާ ފިރިހެނާއަށް އެމީހުންގެ ބޭނުންތައް ވިސްނޭނެ ކަމަށް އުންމީދުކޮށްގެން.
ދަރިފުޅު: އެހެންވީއިރު އަޅުގަނޑަށް ވެސް އެފަދަ ގޯހެއް ހެދުމުގެ ކުރިން މަންމަ ކިޔައިދީބަލަ.
މަންމަ: ރަނގަޅު. ދެން އަޑުއަހާ. ގިނަ އަންހެނުން ބޭނުންވާ، އެކަމަކު ވަރަށް މަދުން ނޫނީ ދުލުން ބުނެނޫޅޭ 8 ކަމެއް މަންމަ ކިޔައިދީފާނަން.
1. ފައިސާއަށްވުރެ ބޮޑަށް އޭނާ ބޭނުންވަނީ ދަރިފުޅުގެ ސަމާލުކަން. އަޅާނުލާ ދޫކޮށްލެވިފައިވާ ކަމުގެ އިހުސާސް ވާނަމަ، އަންހެނަކު އަގުބޮޑު ގަހަނާ އަޅައިގެން ހުރެ ވެސް ރޮމުން ރޮމުން ނިދާފާނެ.
ދަރިފުޅު: އެކަމަކު ފިރިހެނުންނަށް އަބަދުވެސް ބުނަނީ ބުރަކޮށް މަސައްކަތްކޮށްގެން ޚަރަދު ބަލަހައްޓާށޭ.
މަންމަ: ޚަރަދު ބެލެހެއްޓުމަކީ މުހިންމު ކަމެއް. އެކަމަކު ދަރިފުޅުގެ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްވެ، ކޮންމެ ރެއަކު އަނބިމީހާއަށް ފެންނަނީ ހަމައެކަނި ދަރިފުޅުގެ ބުރަކަށި ކަމަށްވާނަމަ، ކައިވެނީގެ ތެރޭގައި ވެސް އޭނާއަށް އެކަނިވެރިކަން އިހުސާސްވާން ފަށާނެ.
ދަރިފުޅު: މަންމަ ތި ބުނަނީ ހޯދައިދޭ ތަކެއްޗެކޭ އެއްވަރަށް އޭނާއާ އެކީގައި ހުރުމަށް ވެސް އަންހެނުން އެދޭ ވާހަކަތަ؟
މަންމަ: ސީދާ އެހެން ދަރިފުޅާ. އަންހެނެއްގެ ހިތް، ދަރިފުޅު ހޯދައިދޭ ތަކެއްޗެކޭ އެއްވަރަށް ދަރިފުޅުގެ ވަގުތާއި އެކުގައި ހުރުމަށް ވެސް އެދޭ.
2. ދެވަނަ ކަމަކީ، އޭނާގެ އަގު ވަޒަންކުރާކަން ހަގީގަތުގައި ވެސް އިހުސާސްވާން އޭނާ ނުހަނު ބޭނުންވުން.
ދަރިފުޅު: ޝުކުރިއްޔާއޭ ބުނުމުން ނުފުދޭތަ؟
މަންމަ: އެއީ ރަނގަޅު ފެށުމެއް، އެކަމަކު ހަގީގީ އަގުވަޒަންކުރުން ބަސްތަކަށްވުރެ މާ ފުޅާ. އެކަން ފެންނާނީ ދަރިފުޅުގެ އަމަލުތަކުންނާއި، އިހުތިރާމުންނާއި، އޭނާ ކުރާ މަސައްކަތްތައް ދަރިފުޅު ބަލައިގަންނަ ގޮތުންނާއި، އަދި ކޮންމެ ދުވަހަކު ވެސް އޭނާއަކީ މުހިންމު މީހެއްކަން އިހުސާސްކޮށްދޭ ގޮތުން. އަގުވަޒަންކުރުމަކީ ހަމައެކަނި ބަސްތަކެއް ނޫން. އޭނާ ކުރާ މަސައްކަތްތައް ފާހަގަކުރޭ، ކައްކާ އެއްޗެއްސަށް ތައުރީފުކުރޭ. ދަރިފުޅަށް އެއްބާރުލުން ދޭތީ ޝުކުރުއަދާކުރޭ. ކުދިކުދި ކަންތައްތައް ވެސް ފާހަގަކުރޭ. އަގުވަޒަންކުރެވޭ ކަމުގެ އިހުސާސްވާ އަންހެނެއްގެ ލޯބި ދާނީ އިތުރަށް ވަރުގަދަވަމުން.
3. އަންހެނަކު ބޭނުންވާ، އެކަމަކު ފިރިހެނެއް ގާތުގައި ދުވަހަކުވެސް ނުބުނާނެ ތިންވަނަ ކަމަކީ، ޖަޒުބާތީ ރައްކާތެރިކަމަށް އެދޭ އެދުން.
ދަރިފުޅު: ޖަޒުބާތީ ރައްކާތެރިކަމޭ؟
މަންމަ: އާނ، އޭނާއަށް މަލާމާތް ރައްދުނުވެ އޭނާ ބިރުގަނެ ހާސްވާ ކަންކަން ހިއްސާކުރެވޭނެކަން އޭނާ ދަންނަން ބޭނުންވޭ. އޭނާ ރޮއިފިނަމަ، އެއީ ބަލިކަށިކަމެއް ކަމުގައި ނުބުނާތި. އޭނާއަށް ކުށެއް ކުރެވިއްޖެނަމަ، ޒުވާބުކުރާ ވަގުތުތަކުގައި އެކަން އޭނާއާ ދެކޮޅަށް ބޭނުންނުކުރޭ. އަންހެނެއްގެ ހިތް ހުޅުވިގެންދާނީ ރައްކާތެރިކަން އިހުސާސްވާ ތަނެއްގައެވެ.
4. އަންހެނަކު ބޭނުންވާ، އެކަމަކު ދުވަހަކުވެސް ނުބުނާނެ ހަތަރުވަނަ ކަމަކީ، އަބަދު ހުރިހާ ކަމެއް ހައްލުކޮށްދިނުމުގެ ބަދަލުގައި، ދަރިފުޅު އޭނާގެ އަޑުއެހުމަށް ބޭނުންވުން.
ދަރިފުޅު: މަޑުކޮށްބަލަ، މައްސަލައެއް އޮތިއްޔާ އަޅުގަނޑު އެކަން ހައްލުކޮށްދޭން ނުޖެހޭތަ؟
މަންމަ: ބައެއް ފަހަރު އޭނާ ބޭނުންވަނީ ހައްލެއް ނޫން. ބައެއް ފަހަރު އޭނާ ހަމައެކަނި ބޭނުންވަނީ އޭނާގެ ވާހަކަތައް އިޚްލާސްތެރިކަމާއެކު އަޑުއަހާނެ މީހެއް. ވާހަކަ މެދުކަނޑައިނުލާ. އަވަސްއަރުވާނުލާ. ހަމައެކަނި އަޑުއަހާ.
5. ދެން އޮތް ކަމަކީ އޭނާ ދެގޮތެއްނުވެ އެއްގޮތެއްގައި ހުރުމަށް ބޭނުންވުން.
ދަރިފުޅު: ތި ބުނަނީ ލޯބިވެތި ގޮތްތަކުގެ (ރޮމޭންސްގެ) ވާހަކަތަ؟
މަންމަ: ލޯބިވެތި ގޮތްތައް ވެސްމެ، އެކަމަކު އެއްގޮތެއްގައި ދެމިހުރުން އެއަށްވުރެ މާ މުހިންމު. ރައްޓެހިވެގެން އުޅޭއިރު އޯގާތެރިވެފައި ކައިވެންޏަށްފަހު ފިނި މީހަކަށް ނުވޭ، މުޅި އުމުރަށް ވަފާތެރިވާނެކަމުގެ ވައުދުވެފައި ކައިވެންޏަށްފަހު ޖަޒުބާތީ ގޮތުން ގެއްލިގެން ނުދޭ. އިތުބާރު ބިނާވަނީ އެއްގޮތެއްގައި ދެމިހުރުމުން.
6. ހަވަނަ ކަމަކީ، އޭނާ އެކަނި ހުންނަ ވަގުތުގައާއި މީސްތަކުންގެ ކުރިމަތީގައި ވެސް އިހުތިރާމް ލިބުމަށް އެދުން. މީހުން ހެއްވުމަށްޓަކައި ދުވަހަކުވެސް އަނބިމީހާ ލަދުގަންނަވާނުލާ، އޭނާގެ ކަރާމާތް ރައްކާތެރިކުރޭ. އެކަނިވެރިކަމުގައި އޭނާގެ ކުށްތައް ރަނގަޅުކޮށްދީ، މީސްތަކުންގެ ކުރިމަތީގައި އޭނާއަށް ތަޢުރީފުކުރާށެވެ. ޤަދަރުކުރުމަކީ ލޯބީގެ އެންމެ ފުން އެއް ސިފައެވެ.
7. ހަތްވަނަ ކަމަކީ، ކޮންމެ ދުވަހަކުވެސް އޭނާއަކީ އިޚްތިޔާރުކުރެވިފައިވާ މީހެއްކަމުގެ އިޙްސާސް އޭނާ ބޭނުންވެއެވެ.
ދަރިފުޅު: ކައިވެންޏަކީ އެކަމަށް ފުދޭވަރުގެ ހެއްކެއް ނޫންތޯއެވެ؟
މަންމަ: ކައިވެންޏަކީ އެއް ފަހަރު ނިންމާ ނިންމުމެކެވެ. ލޯތްބަކީ ކޮންމެ ދުވަހަކު ނިންމަންޖެހޭ ނިންމުމެކެވެ. މާދަމާވެސް އަލުން އޭނާ އިޚްތިޔާރުކުރާށެވެ. އެ މެސެޖު ފޮނުވާށެވެ. އޭނާގެ އަތުގައި ހިފާށެވެ. އޭނާއާއެކު ނަމާދުކޮށް ދުޢާކުރާށެވެ. ކޮންމެ ދުވަހަކު ނިންމާ މިފަދަ ކުދިކުދި ނިންމުންތަކަކީ ލޯބި ދިރުވާ އަޅާ ކަންކަމެވެ.
8. އަށްވަނަ ކަމަކީ، އޭނާ ބޭނުންވަނީ ބައިވެރިވުމެވެ.
ދަރިފުޅު: އޭގެ ތަފާތަކީ ކޮބައިތޯއެވެ؟
މަންމަ: ފިރިއަކު ޙިއްޞާކުރާނީ ގެދޮރެވެ. ބައިވެރިޔަކު ޙިއްޞާކުރާނީ މުޅި ދިރިއުޅުމުގެ ދަތުރެވެ. ޒިންމާތަކުގައި އެހީތެރިވެދީ، އެކުގައި ހުވަފެންދެކެ، އެކުގައި މައްސަލަތައް ޙައްލުކުރާށެވެ. ކާމިޔާބީތައް އެކުގައި ފާހަގަކުރާށެވެ. ކައިވެންޏަކީ ދެ ވާދަވެރިންނެއް ނޫނެވެ. އެއީ އެއް ޓީމެއްގެ ދެ ބައިވެރިންނެވެ.
ދަރިފުޅު: ދުވަހަކުވެސް އެއްވެސް މީހަކު މިގޮތަކަށް ކިޔައެއް ނުދެއެވެ.
މަންމަ: އެއީ ވަރަށް ގިނަ މީހުން ފިރިހެނުންނަށް ކައިވެނިކުރާނެ ގޮތް ދަސްކޮށްދިން ނަމަވެސް، އަންހެނެއްގެ ހިތް ދެނެގަންނާނެ ގޮތް ދަސްކޮށްނުދޭތީއެވެ.
ދަރިފުޅު: އެހެންވީމާ، އަޅުގަނޑު މި އަށް ކަންތައް ހަނދާން ބަހައްޓައިފިނަމަ، އަޅުގަނޑުގެ ކައިވެނި ފުރިހަމަވާނެތޯއެވެ؟
މަންމަ: އެއްވެސް ކައިވެންޏަކީ ފުރިހަމަ އެއްޗެއް ނޫނެވެ. އެކަމަކު އަންހެނަކަށް އޭނާގެ އަގު ވަޒަންކުރެވޭކަމާއި، ރައްކާތެރިކަމާއި، އޭނާގެ އަޑު އެހޭކަމާއި، ޤަދަރުކުރެވޭކަމާއި، އިޚްތިޔާރުކުރެވިފައިވާކަމާއި، އަދި ޙަޤީޤީ ބައިވެރިއެއްގެ ގޮތުގައި ދެކޭކަމުގެ އިޙްސާސް ކުރެވޭނަމަ، ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް ލޯބި އިތުރުވެގެންދާނެއެވެ
ދަރިފުޅު: އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ ފިރިހެނުން މި ވާހަކަތައް އަޑުއަހަން ޖެހޭހެން.
މަންމަ: އާނ، އެހެނީ އެންމެ ވަރުގަދަ ކައިވެނިތައް ބިނާކުރަނީ ހުރިހާ ކަމެއް އެނގޭ މީހުންނެއް ނޫނެވެ. އެއީ އެކަކު އަނެކަކު ދަސްކުރުން ދުވަހަކުވެސް ހުއްޓައިނުލާ މީހުންނެވެ.
ދަރިފުޅު: ޝުކުރިއްޔާ، މަންމާ.
މަންމަ: މަރުޙަބާ، ދަރިފުޅާއެވެ. މިކަން ހަނދާން ބަހައްޓާށެވެ؛ ގިނަ އަންހެނުން އެދެނީ ފުރިހަމަކަމަކަށް ނޫނެވެ.
އެމީހުން ހިމޭންކަމާއެކު އުއްމީދުކުރަނީ އެމީހުންގެ އިޙްސާސްތައް ދެނެގަތުމަށެވެ. އޭނާގެ ހިތް ދެނެގަންނަން ދަސްކުރާ ފިރިހެނާއަށް، ލޯތްބަކީ އުނދަގޫ ހަނގުރާމައަކަށްވުރެ ބޮޑަށް، ރީތި ބައިވެރިވުމެއްކަން އެނގި ހާމަވެގެންދާނެއެވެ.
- މަންމައަކު ދަރިފުޅަށް ދިން އަގުހުރި ނަޞީޙަތެއް
- މިއަދުނޫސް