އަނބިމީހާއަށް މެންދުރު ގެއަށް އައުދެވުނުއިރު މޭޒުދޮށުގައި ކާންތިބީ ފަޤީރު އަންހެނަކާއި ކުޑަކުއްޖެކެވެ. އެއީ އޭނާގެ ދަރިފުޅެވެ. އިންތިހާއަށް ރުޅިގަދަވެހުރެ އެއީ ކޮން ބައެއްތޯ ސުވާލުކުރުމުން ފިރިމީހާ ބުނީ އެއީ މަގުމަތިން ބައްދަލުވި ފަޤީރު 2 ނިކަމެތިން ކަމަށެވެ. ގޭގެ މަސައްކަތަށް ގެނައީ ކަމަށެވެ.
އަނބިމީހާ ދެމައިންނަށް އެންގީ ވަޤުތުން ގެއިން ނުކުތުމަށެވެ. ބުންޏެވެ! "މިއީ ކަލޭމެންގެ ފެންވަރެއް ނޫނެވެ! މިޙަރާމް ދަރިގޮވައިގެން އަވަހަށް ނުކުންނާށެވެ! ދެން މިގެއާއި ގާތުން ފެނުނަސް ދެމައިންގެ ކަންތައް ނިންމައިލާނަމެވެ." އެހެން ބުނުމުން ދެމައިން ވަރަށް ދެރަވެ ތިބެ ގެއިން ނުކުމެގެން ދިއައީއެވެ.
އެއިގެ އެންމެ 10 އަހަރު ފަހެވެ. ކުންފުނީގެ ވަޒީފާތަކަކަށް މުވައްޒިފުން ބޭނުންވެގެން އިންޓަރވިޔުކުރި ދުވަހެކެވެ. އަންހެން ދަރިފުޅު ގޮވައިގެން މަންމަވެސް ގޮސްއިނެވެ. ފުރަތަމަވެސް ވާހަކަދެއްކީ މަންމައެވެ. ކިޔައިދިނީ ފިރިމީހާއަކީ ޖެހުނު ބައްޔެއްގެ ސަބަބުން މިހާރު އެއްވެސް މަސައްކަތެއް ނުކުރެވޭ ވާހަކައާއި ބޮލުގައި ރިއްސާލެއް ގަދަކަމުން އޭނާއަށްވެސް ވަޒީފާ އަދާނުކުރެވޭ ވާހަކައާއި ދިރިއުޅެވޭނެ ގޮތެއް އޮތީ ދަރިފުޅަށް ވަޒީފާއެއް ލިބިގެންކަމެވެ. އެހެންވެ ވަޒިފާއަކަށްއެދި އާދޭސްކުރާ ކަމަށެވެ.
ހުރިހާ ވާހަކަތަކެއް އަޑުއަހައި އިންޓަރވިޔު ނިންމާފައި އިންޓަރވިޔުކުރި މީހާ ބުންޏެވެ. "ލިބިފައިވާ މާކްސް ދައްކަމުން އެދިފައި އޮތް ވަޒީފާއެއް ނުދެވޭނެއެވެ. އެކަމަކު މާދަމާ އޮފީހަށް ނުކުންނާށެވެ! ތިއަހައި ދަތިޙާލުގައި ތިބުމުން ކޮންމެވެސް ވަޒީފާއެއް ހަމަޖައްސައިދޭނަމެވެ. ތަނަވަސް މީހުން ފަޤީރުންނަށް ރަޙުމް ނުކުރިޔަސް ތަނަވަސްކަން ލިބި ތަނަވަސްކަމުގައި ތިބިނަމަވެސް ފަޤީރުން ނިކަމެތިންނަށް ރަޙުމް ކުރާނެއެވެ. އެމީހުން ނިކަމެތިޙާލުގައި ތިބިއިރު ކޮޅުފައިން ޖެހި މީހުންނަށްވެސް ރަޙުމްކުރާނެއެވެ. ޙަރާމް ދަރިންނަށް ގޮވިޔަސް އެކަން ހިތަކުވެސް ނުބާއްވާނެއެވެ."
އެވަޤުތު އަންހެން މީހާގެ ކަރު އެލުވާލައިގެން ހުރެ ސުވާލުކުރިއެވެ. "ކުރިން އަހުރެންނާއި ބައްދަލުވި ހެއްޔެވެ؟" ޒުވާނާ ބުންޏެވެ. "ވަރަށް ކުޑަ ވަޤުތުކޮޅަކަށް ބައްދަލުވިއެވެ. މިއީ އެވަޤުތު މިޙަރާމްދަރި ގޮވައިގެން ގެއިން ނުކުންނަން ކަމަނާ ބުނި ދަރިއެވެ. އަހަރެންނަކީ ޙަރާމް ދަރިއެއް ނޫނެވެ. މަންމަ ވަރިކޮށްލައި ގެއިން ނެރެލުމުން ދެމައިން މަގުމަތިވީއެވެ. ދެން އިތުރަށް އެވާހަކަ ނުދައްކަމާ ހިނގާށެވެ. ދަރިފުޅު މާދަމާ ވަޒީފާއަށް ފޮނުވާށެވެ!"
އެހެން ބުނީމާ ވަރަށް ބޮޑަށް ޝުކުރުއަދާކޮށް އަދި އެހައިމެ ބޮޑަށް މާފަށް އެދިފައި ނުކުމެގެންދިއައީއެވެ.
މިޙާދިސާއަށް ރަނގަޅަށް ވިސްނައިލާށެވެ! ދެރަ ނިކަމެތިންނަށް އިހާނެތިކޮށް ކަންކަންކުރާ މީހުންނަށް ދުނިޔޭގައިވެސް އެކަން ބައްދަލުކުރާކަން ވިސްނޭނެއެވެ. އޭނާ އެބުނީ ރަނގަޅަށެވެ. ތަނަވަސްކަން ލިބުމުން ބޮޑާވެ ކިބުރުވެރިވާ މީހުން ގިނައެވެ. އެމީހުން ނިކަމެތިންނަށް ރަޙުމެއް ނުކުރާނެއެވެ. ދުލުން ބުނާނީވެސް ހިތަށް އެރި އެއްޗެކެވެ. އެއީ ތިމާއަށް ތަނަވަސްކަން ދެއްވަވަނީ ﷲ ކަން ޤަބޫލުނުކުރެވޭތީއެވެ. އެފަދަ މީހުންނަށް ގިނަފަހަރު ކުރިމަތިވަނީ މިފަދަ ގޮތެކެވެ.
އަޅުގަނޑަކީވެސް ހަމަ މިފަދަ ކަންކަން އެތައް ފަހަރަކު ކުރިމަތިވެ ހިތްދަތިކަން ލިބިފައި ހުރި އަންހެނަކަށްވާތީ ކުރި އަސަރު ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.
- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް