ކައިވެނިކޮށްގެން ތިބެ ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ދިރިއުޅުމުގަ ހުޅުޖެހުން! އެއީ ދިރިއުޅުމާއިމެދު ވިސްނާމީހަކު ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ކައިވެނިކޮށްގެން ތިބެ ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ދިރިއުޅުމުގަ ހުޅުޖެހުން! އެއީ ދިރިއުޅުމާއިމެދު ވިސްނާމީހަކު ކުރާނެ ކަމެއް ނޫން!

އަނބިންވެސް އަދި ފިރިންވެސް ދަންނާށެވެ! ކައިވެނިކޮށްގެން ތިބެ ހިލޭ މީހުންނާ ގުޅި، ގުޅުން ހިންގުމަކީ މީހަކަށް ކުރެވޭނެ އެންމެ ގޯސްކަންތަކެވެ. ބޮޑުވަރަކަށް ޙާޞިލުކުރެވޭނީ ހިނދުކޮޅެއްގެ ކުޑަ އުފާކޮޅެކެވެ. އެކަމަކު އެކަންވެގެންދަނީ ދިރިއުޅުމުގައި ހުޅުޖަހައި އަންދައިލުންފަދަ ގެއްލުން ބޮޑު ކަމަކަށެވެ.  

މިތަނުގައި ދިރިއުޅުން މާނަ މިކުރަނީ ވަރަށް ފުޅައުކޮށެވެ. އެއީ ކައިވެނި އެކަންޏެއް ނޫނެވެ. ދެމަފިރިންގެ ބުރަމަސައްކަތުން އާރާސްތުކުރި ދިރިއުޅުމުގެ ހުރިހާ ކަމަކަށެވެ. ލިބިފައި ތިބި ދަރިންވެސް ހިމެނޭ ގޮތަށެވެ. އަދި ތިމާގެ މުސްތަޤްބަލްވެސް ހިމެނޭ ގޮތަށެވެ.  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ހިލޭ މީހުންނާއިއެކު ހިންގާ ގުޅުމަކީ ވަރަށް ނުރައްކައުތެރި ގުޅުމެކެވެ. އެގުޅުން ބޭޒާރުވާނެއެވެ. ބޭޒާރުވުމުން ދެމަފިރިންގެ ގުޅުން ކެނޑި ގިނަބައެއްގެ ކައިވެނި ރޫޅިގެންދެއެވެ. ނަތީޖާޢަކަށްވެގެންދަނީ ދެރަލިބި ނިކަމެތިވުމެވެ.

ކައިވެނި ރޫޅުމުން ފަހަރެއްގައި އެކަކަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ލިބިވެސްދާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ މުޅި ޢުމުރަށް ހިތާމަކުރަންޖެހިފައެވެ. މިހިސާބުން ފިރިހެނުންނަށް ބަހެއް ބުނެލާނަމެވެ. ޚާއްޞަކޮށް މީހުންގެ އަނބިންނާއި ގުޅުން އުފައްދާ ފިރިހެނުންނަށެވެ. 

ރީތި އަންހެނަކު ތިބާއަށް ހަށިގަނޑު ދައްކައިފާނެއެވެ. އެއީ ލިބުނު އުފަލެއް ކަމަށް ހީވެސް ނުކުރާށެވެ. އޭނާ އޭނާގެ ފިރިމިހާއަށް ބޭވަފާތެރިވީ ފަދައިން ތިބާއަށްވެސް ބޭވަފާތެރިވާނެއެވެ. ތިބާއަށްވެސް ކަންތައް ކުރާނީ އެގޮތަށެވެ. ދެން އޮތީ އެކަނި ތިބޭ އަންހެނުންނެވެ. ކައިވެނީގެ ބޭރުން ގައިގަ ބީހެން ހުއްދަދީފިނަމަ އެކަމުން އެނގެނީ އެހަށިގަނޑުގައި އެއްވެސް އަގެއް ނެތްކަމެވެ.  

ދެން ނިކަން ބުނެބަލާށެވެ! ތިބާގެ ޤަދަރުވެރި، ޢިއްފަތްތެރި އަނބިމީހާ އެއްވެސް އަގެއް ނެތް އަންހެނަކަށްޓަކައި ދޫކޮށްލުމަކީ ކުރަން ކޮންގޮތަކުން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ އެއީ ހެޔޮވިސްނޭ މީހަކު ކުރާނެ ކަމެއް ހެއްޔެވެ؟ އަހުރެން ބުނާނީ ބުއްދީގެ ބޭނުންކުރާ މީހަކު އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.  

ކޮންމެއަކަސް މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމެކެވެ. ވިސްނުންތެރިއަކު، ތިމާއަށް ލިބޭ ހިނދުކޮޅެއްގެ އުފަލަކަށްޓަކައި އަމިއްލަ ދިރިއުޅުމަކު ހުޅެއް ނުޖަހާނެއެވެ. މަސައްކަތްކުރާނީ ދިރިއުޅުން އާރާސްތުކުރުމަށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން