މައްކާއަށް އަމާޒުކޮށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މައްކާއަށް އަމާޒުކޮށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

މައްކާގެ މުޤައްދަސް ބިމަށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމުގެ ރައްކާތެރިކަމާއި ޙުރުމަތަށް އަރައިގަންނަ އެއްވެސް ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުއްމަތަށްވެސް ލިބުނު ބޮޑު ނުތަނަވަސްކަމެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އޮތީ ސައުދީ ޢަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި ކަމަށެވެ. އަދި މައްކާގެ މުޤައްދަސް ބިމާއި، އަޅުކަމުގައި ތިބި ޙައްޖުވެރިންނާއި އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އެއަރ ޑިފެންސް ފޯސަސްއިން އަވަސް ފިޔަވަޅުތަކެއް އަޅައި ދެއްކި ހުށިޔާރުކަމަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.

މީގެއިތުރުން، މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައި، ހަމަނުޖެހުންތައް އިތުރަށް ބޮޑުވިޔަނުދީ، ސުލްޙަވެރިކަމާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ޑްރޯން ހަމަލާއެއް ފޮނުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް، ސައުދީ ޢަރަބިއްޔާގެ ދިފާޢީ ބާރުތަކުން ވަނީ އެ ހަމަލާ ނާކާމިޔާބުކޮށްލައި، އެ ޑްރޯން ވައްޓާލާފައެވެ.

މިއަދު އޮންލައިން