ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީ.ޕީ.ސީ) ގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ވަފުދުގެ އިސްވެރިޔާ ޕެންގް ވަނީ، ދެ ޤައުމުން ހިފަހައްޓާ އެއްގޮތް އުޞޫލުތަކާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމަކީ ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަމަށާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކުރައްވާފައިވާ ކާމިޔާބީތަކަށް ތަޢުރީފުކުރައްވަމުން، އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ސިފަކުރެއްވިއެވެ. އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކޮށް، ދެފަރާތަށް ލާބައާއި މަންފާ ލިބޭނެހެން އެކުގައި މަސައްކަތްކުރުމުގެ ތެރެއިން، މި ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށް ޕެންގް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ ޒިޔާރަތްތައް ގިނަގިނައިން ބޭއްވެމުންދިއުމަކީ، މި ބައިވެރިވުމުގެ ބަދަހިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަންވެސް ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއާއެކު ބާއްވަމުން އަންނަ ޒަމާންވީ އެކުވެރި ގުޅުމަށާއި، ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުމަކީ ފުރިހަމަ އިސްތިރާޖީ ޕާޓްނަރޝިޕެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ޗައިނާއިން މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.