ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށް ފަހު، އެ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލައްވައިފިއެވެ.
މިއަދު ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުތައް ބާއްވާއިރު ކާމިޔާބީ އާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ވާދަކުރެއްވި ހުރިހާ ބޭފުޅުން ވެސް ޕާޓީގެ މުސްތަގުބަލަށާއި އެއްބައިވަންތަކަމަށް އިސްކަންދެއްވަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމު އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅުގައި ސާބިތުކަމާއެކު ހުރިހާ މެންބަރުން ވެސް ސަރުކާރާއެކު ކުރިއަށްދާންޖެހޭ ކަމަށެވެ. މީގެއިތުރުން، އިންތިހާބުތަކުގައި މަގާމުތަކަށް މީހުން ހޮވުމަކީ ބަދަލުވަމުންދާނެ ކަމެއް ކަމަށާއި، މިއަދު ނާކާމިޔާބުވި ބޭފުޅަކަށް މާދަމާ ކާމިޔާބުވުމުގެ ފުރުސަތު އޮންނާނެކަން ހަނދާންކޮށްދެއްވައި، ޕާޓީ ބަލިކަށިކޮށްލަން އިދިކޮޅު ފަރާތްތަކަށް ޖާގަ ނުދިނުމަކީ ލީޑަޝިޕާއި އާންމު މެންބަރުންގެ ވެސް އެދުމެއް ކަމުގައި ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑުވި މި އިންތިހާބުގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުތަކަށް 6 ބޭފުޅަކު ވަނީ އިންތިހާބުވެފައެވެ. އެ ބޭފުޅުންނަކީ:
މި މަގާމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސުންގެ އިތުރުން ޕީއެންސީގެ މަތީ މަޖިލީހަށް އަންހެނުންގެ 10 މެންބަރުންނާއި، ޒުވާނުންގެ 7 މެންބަރުން އަދި މެންބަރުންގެ މަޖިލީހަށް 18 އާންމު މެންބަރުން ވެސް ވަނީ އިންތިހާބުކޮށްފައެވެ.