ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ފަށާފައިވާ ސިޔާސީ ދަތުރު ނިންމާލެވެން އޮތީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ދަނޑިވަޅަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕާޓީގެ އެންމެހައި މެންބަރުން އަޒުމް އާކުރަންވީ ވަގުތު ކަމަށެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވި ބޭފުޅުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތް ނަމަވެސް، އެއީ އިންސާނީ ތަބީއަތް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި ބުއްދިވެރިންގެ ގޮތަކީ ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުން ކަމަށް ބަލައިގެން މަސައްކަތް ކުރުން ކަމަށާއި، ކާމިޔާބާއި ނާކާމިޔާބީ އޮންނާނެކަން އަބަދުވެސް ގަބޫލުކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވާ ފަދައިން، ޕީއެންސީގެ މެންބަރުން އަބަދުވެސް "އެންމެ ފުރަތަމަ ގައުމު" އިސްކުރަންވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އުފާވެރި ކާމިޔާބީގެ ވަގުތުތަކުގައްޔާއި، ނާކާމިޔާބީ ކުރިމަތިވާ ހާލަތްތަކުގައި ވެސް މެންބަރުން ވާންވާނީ ހިތްވަރުގަދަ، އެއްބައިވަންތަ އަދި އެކުވެރި ބަޔަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއި ޒައާމަތުގައި ޕާޓީއަށް ކުރިއެރުން ލިބެމުންދަނީ އެތެރޭގެ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށާއި، މެންބަރުންގެ އަމާޒަކަށް ވާންވާނީ އިތުރު ހިތްވަރަކާއެކު ޕާޓީއަށް އިތުރު ކާމިޔާބީ ހޯދުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެ ކާމިޔާބު ނުކުރެވިއްޖެ ނަމަ، އަޅުގަނޑުމެން ކޮންމެ މީހަކަށް ދިމާވާނީ ހިތްދަތިކަމާއި ހިތާމަ. އަޅުގަނޑުމެންގެ ގައުމު ވެއްޓިގެން ދާނީ އަންދާޒާ ކުރަން ވެސް ނޭނގޭ ވަރުގެ އަނދަވަޅަކަށް. އަޅުގަނޑުމެން އެކަން މިތިބީ އެތައް ފަހަރަކު ތަޖުރިބާކޮށްފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މާޒީއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ފިކުރަށް ވެރިކަން ގެއްލިގެން ދިޔަ ދުވަސްވަރު މުޅި ގައުމު ބިރުވެރިކަމުގެ ތެރެއަށް ވެއްޓި، ރައްޔިތުން ތިބެންޖެހުނީ ބޮޑު ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. އަދި އަލުން މި ފިކުރަށް ވެރިކަން ލިބުމުން މިއަދު ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ޕީއެންސީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނާއެކު ހުރިހާ މެންބަރުން ވެސް ސާބިތުވެ ތިބުމަށް ގޮވާލައްވާފައެވެ. އަދި ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެ، އެމަނިކުފާނާއެކު ސާބިތުކަމާއެކު ކުރިއަށް ދިއުމަކީ ގައުމަށް ފާގަތި މުސްތަގުބަލެއް ކަށަވަރުވެގެންދާނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.