ޚިޔާލަށް ގެންނާށެވެ! ތިބާގެ ޢަމަލުތައް މީޒާނުގައި
ކިރައިލެވެނީއެވެ. އެކަމަކު ބަރުވަނީ ތިބާގެ ކޮޅަކަށް ނޫނެވެ. ހެޔޮ ޢަމަލުތައް ތަންކޮޅެއް މަދުވެ ނަރަކައަށް ވަންނަން ޖެހެނީއެވެ. އެވަޤުތު މީޒާނަށް ލެވެނީ އެހެން މީހަކު ތިބާއަށް ކޮށްފައިވާ ނުބައިކަމެއްގެ ބަދަލެވެ. ބަދަލު ލެވުމާއިއެކު ތިބާގެ ކޮޅަށް ބުރަވެ ސުވަރުގެ ޙައްޤުވަނީއެވެ. މިއަގުހުރި ނިޢުމަތް ލިބުމުން އުފަލުން ފުރިގެންނުދާނީ ކާކުހެއްޔެވެ؟
ވީމާ ރަނގަޅަށް އަޑުއަހާށެވެ! ނުބައިކަންކަން ކުރާ މީހުން އަބަދުވެސް އުޅޭނެއެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން ހިނގަމުން އަންނަ ގޮތެވެ. ވީމާ އަބަދުވެސް ހުންނަންވީ ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ތިމާއަށް ކިތަންމެ ބޮޑު ދެރައެއްވެސް، ގެއްލުމެއްވެސް ދީފާނެކަމަށް ވިސްނައިގެން އެކަމަށް ކުރިމަތިލާން ތައްޔާރުވެގެންނެވެ.
މީހަކު ނުބައިކަމެއް ކުރީއެވެ. ބަދަލުގައި ތިބާވެސް އޭނާއަށް ނުބައިކަމެއް ކުރީއެވެ. އެއިރުން ދެމީހުން ދެ ނުބައިކަންކޮށް އެއްވަރުވީ ނޫން ހެއްޔެވެ؟ ތިބާއަށް ކުރި ފައިދާއަކީ ކޮބައިހެއްޔެވެ؟ އަދި މިގޮތަށްވެސް ވިސްނާށެވެ! ބަދަލު ހިފުމަކީވެސް ކުރެވޭ ނުބައިކަމެކެވެ. ބަދަލު ހިފަން ކުރެވޭ ކަންތައްވެސް ވާނީ ނުބައި ކަމަކަށެވެ! އެއިރުން އޭނާ ކުރި ނުބައި ކަންތަކުގެ ބަދަލުގައި ތިބާއަށް އެކުރެވެނީ ނުބައި ދެ ކަންތަކެވެ! އެހެންވީމާ އޭނާއަށްވުރެ ތިބާ މާ ގޯސްވެސްވީ ނޫންހެއްޔެވެ؟
ވީމާ މީހަކު ތިބާއަށް ދެރައެއް ދިން ނަމަވެސް ބަދަލު ނުހިފާށެވެ! އެއިރުން އެ ކުރެވޭ ކަމަކީ ދެ ނުބައިކަން އެކުގައިކުރުމެވެ. ނުބައި ކިތަންމެ ކަމެއް ކުރިނަމަވެސް ރަނގަޅު އެންމެ ކަމަކަށްވެސް ބަދަލެއް ނުވާނެއެވެ. ނުބައިކަންކަން ވާނީ ނުބައި ކަމަކަށެވެ
މީހަކު ތިބާއަށް ނުބައިކަމެއް ކޮށްފިނަމަ އެކަން ވާނީ ތިބާ ކުރި އެއްވެސް މަސައްކަތަކާއި ނުލައި ތިބާއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކަށެވެ! އާޚިރަތަށް ގެންދަން ލިބޭ ބޮޑު މުދައުގަނޑަކަށެވެ! އަދި ކީއްހެއްޔެވެ؟ އޭނާއަށް މާފުކޮށްފިނަމަ އެ ހޯދުނީ މާ ގިނަ ފައިދާއެވެ!
ވީމާ މީހަކު ތިބާއަށް ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިނަމަވެސް ބަދަލު ނުހިފައި އެހިސާބުން އެކަން ހަނދާންވެސް ނައްތައިލާށެވެ! އެ މައްސަލަ އަމިއްލައަށް ނިންމަން މަސައްކަތް ނުކުރާށެވެ! ﷲ ތައާލާއަށް ވަކީލުކޮށް ދޫކޮށްލާށެވެ! ﷲ ތަޢާލާ އެކަން ނިންމަވާނީ ތިބާއަށް އެންމެ ފައިދާކުރާނެ ގޮތަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން