ހެޔޮލަފާ މީހުންގެ ތެރެއިންވެސް ގިނަބައަކަށް ވިސްނިފައި އޮންނަނީ ތިމާ މިސްކިތަށްގޮސް ނަމާދުކޮށްލުމުން އެނިމުނީ ކަމަށެވެ. ރަނގަޅެވެ. ތިބާ ނަމާދުކުރިނަމަ ތިބާ ނަމާދުކުރިމަށްވާނެއެވެ. ނަމަވެސް މިއާޔަތަށް ޢަމަލުކުރިކަމަކަށް ނުވާނެއެވެ!
ﷲ ތަޢާލާ ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. (6)"
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ!" އޮތް ބަސްފުޅަށް ޢަމަލުކުރިކަމަށްވާނީ ތިމާ ނަމާދުކުރަމުން އެމީހެއްގެ އަހުލުވެރިން ލައްވައި ނަމާދުކުރުވީމައެވެ. ނަމާދުގެ ވާހަކައަށް މިހައި ބޮޑަށް ބާރުމިލަނީ މުސްލިމުންނަށް ނަރަކައިން ސަލާމަތްވެވުމުގެ އެންމެ ބޮޑުބާރަކީ ނަމާދުކުރުނަކްމުގައިވާތީއެވެ.
ދެން ބަލައިލަންވީ " އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." އޮތް ބަސްފުޅަށެވެ. ބަޔާންކުރައްވަވާފައިއެވަނީ ނަރަކައިގެ ޢަޛާބުގެ ގަދަފަދކަމެވެ. އަދި ނަރަކައިގެ ޢަޛާބް ޙައްޤު މީހުންނަށް ޢަޛާބްދެއްވަވާނެކަމާއި ޢަޛާބަށް ފިލައިގެން ނުދެވޭނެ ކަމެވެ.
މިފަދަ އާޔަތްތަކަށް ބިރުވެތިވާށެވެ! ނަރަކައިން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަން އޮތީ މިއަދެވެ. މާދަމާޙިސާބު ބައްލަވާނެ ދުވަހެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން