ކޮންގްރެސް ޕާޓީގެ ދިދަ އުފުއްލަވަން ހުންނެވީ ވަތަނީ ލީޑަރެއް، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހައްގު: އަބްދުއްރަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކޮންގްރެސް ޕާޓީގެ ދިދަ އުފުއްލަވަން ހުންނެވީ ވަތަނީ ލީޑަރެއް، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހައްގު: އަބްދުއްރަހީމް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދިދަ އުފުއްލަވަން އިސްވެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ގައުމު ދެކެ ނުހަނު ލޯބިވާ ވަތަނީ ލީޑަރެއް ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ އެންމެ ފުރަތަމަ ކޮންގްރެސް ބޭއްވި ދުވަސްވަރު އެ ޕާޓީގައި ތިބީ އެންމެ 3،000 މެންބަރުން ކަމަށެވެ. ނަމަވެސް، ޕާޓީގެ މެންބަރުންގެ މިންނެތް މަސައްކަތާއި ޖޯޝާއެކު މިއަދު އެ އަދަދު ގާތްގަނޑަކަށް 80،000 އަށް އަރައި، ބޮޑު ސިޔާސީ ލަޝްކަރަކަށް ޕާޓީ ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި 79،000 އަށް ވުރެ ގިނަ މެންބަރުން ޕާޓީއާ އަލަށް ގުޅުނު އެންމެ މައިގަނޑު ސަބަބަކީ، ޕީއެންސީން އަބަދުވެސް "އެންމެ ފުރަތަމަ ގައުމު" އިސްކުރާތީ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒަކީ ދިވެހި ބިމުގެ ކޮންމެ ވެލިފުކަކީ އަމާނާތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ލީޑަރެއް ކަމަށާއި، ދިވެހި ރައްޔިތުން އެމަނިކުފާނުގެ ފަހަތްޕުޅަށް އެއްވީ އެ ވަތަނީ ވިސްނުންފުޅު ގަބޫލުކުރާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތްރޮނގު ވަރުގަދަކޮށް ދަމަހައްޓަވައި، އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތު ބޭރުގެ އެއްވެސް ބާރަކަށް ނުދެއްވާނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އަމިއްލަ ބާރުގައި ދިވެހިވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުމަށް ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން މުހިންމު ކަމަށެވެ. މީގެއިތުރުން، ދިވެހި ބިމުގައި އެހެން އެއްވެސް ބަޔަކަށް ބަސްބުނުމުގެ ހައްގެއް ނޯންނާނެ ކަމަށާއި، ގައުމަށްޓަކައި ޖާނުން ގުރުބާންވާންވެސް ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް ފުރަތަމަ ކޮންގްރެސްގައި ވިދާޅުވި ވިދާޅުވުން ހަގީގަތަކަށް ވެފައިވާއިރު، މިއަދު ދެވަނަ ކޮންގްރެސްއާ ކުރިމަތިލީ ވެރިކަންކުރާ މައި ޕާޓީގެ ގޮތުގައެވެ. އަދި ކޮންގްރެސް ޕާޓީގެ ހަގީގީ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށާއި، މިހާރު ހުރި ފޯރިއާއި ޖޯޝުގައި މަސައްކަތްކޮށް، 2023 އަށްވުރެވެސް މާ ފަސޭހަކަމާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން