ގައުމީ އެޖެންޑާ ފިޔަވައި އިތުރު ކަމެއް ނެތް، އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ގައުމީ އެޖެންޑާ ފިޔަވައި އިތުރު ކަމެއް ނެތް، އަމާޒަކީ ދެމެހެއްޓެނިވި ތަރައްގީ: ރައީސް

ސަރުކާރާއި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަމައެކަނި އަމާޒަކީ ގައުމީ އެޖެންޑާ ކަމަށާއި، މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ރައްޔިތުން އެދޭ ފަދަ ހަގީގީ ތަރައްގީ ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި، ޕީއެންސީއަކީ އަބަދުވެސް ޒިންމާދާރު ސިޔާސަތުތަކެއް ތަންފީޒުކުރާ އަދި ގައުމީ މަސްލަހަތު އެންމެ ކުރިއަށް ނެރޭ ޕާޓީއެއްކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް ހަރަކާތްތެރިވާއިރު، ގައުމުގެ ހައްގުގައި ޒިންމާދާރުކަން އިސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ދިވެހިންގެ އެންމެ ވަރުގަދަ އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާއިރު، ގައުމު އިސްކުރުމުގެ ފަލްސަފާ ބިނާވެފައިވަނީ ތާރީހުގައި ތަހައްމަލުކުރަން ޖެހުނު ކާމިޔާބީއާއި ނާކާމިޔާބީގެ އަގުހުރި ތަޖުރިބާތަކުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ އަސާސީ ފަލްސަފާއަކީ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެހައި ސިޔާސަތުތަކެއް ވެސް ބިނާކުރެވިފައިވަނީ މި ތިން އަސާސަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދީ، ގައުމު އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަމުގައި ވިދާޅުވިއެވެ.

"ދިވެހިންގެރާއްޖެ" ސިޔާސަތަކީ އަމިއްލަ އެދުމާއި ޕާޓީގެ ފައިދާއަށްޓަކައި ގައުމު ގުރުބާންކުރާ ސިޔާސަތެއް ނޫންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ނަމަވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ދިވެހި ގައުމު ކަމަށެވެ. ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުން ދިނުމަށާއި، ސަރުކާރުން ވިޔަސް ނުވަތަ އެހެން ފަރާތަކުން ވިޔަސް ގައުމަށް ގެއްލުންވާ ފަދަ ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް ތެދުވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި އުސް އިމާރާތްތަކާއި ބޮޑެތި މަޝްރޫއުތައް ހިންގުމަކުން ތަރައްގީ ފުރިހަމަ ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، އިންސާނީ ފިކުރާއި ގައުމީ ލޯބި އަދި ކާބަފައިންގެ ރީތި އާދަކާދަތައް ދިރުވައި އާލާކޮށްގެން މެނުވީ ގެނެވޭ ތަރައްގީއަކީ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން