ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން މަޝްހޫރު ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އޭޓީއެމް ފެއާ 2026 ގެ ތެރެއިން ވަކިވަކިން ބޭއްވި ޚާއްޞަ ދެ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރެވެ.
މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމާއި، ޓްރެވަލް ޓްރޭޑްގެ ދާއިރާއިން މި ދެ އެއާލައިނާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރުމެވެ.