މެލޭޝިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މެލޭޝިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދޭން ނިންމައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މެލޭޝިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދިނުމަށް ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ގުޅިފައިވާ ޕްރެސް ކޮންފަރެންސްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީޑިއާއަށް ބަޔާން ދެއްވަމުން ވިދާޅުވީ، މި ދަތުރުފުޅަކީ އަޚުވަންތަ ދެ ޤައުމުގެ މެދުގައިވާ 58 އަހަރުވީ ބަދަހި ގުޅުން އިތުރަށް ސާބިތުވެގެންދިޔަ ކަމެއް ކަމަށެވެ. އަދި މިއީ 2025 ވަނަ އަހަރުގެ އެޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތަކުގެ ނަތީޖާ ފެނިގެންދިޔަ ދަތުރުފުޅެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާބެހޭ ދާއިރާއިން އާ ފަހުމުނާމާތައް ބަދަލުކުރުމުގެ އިތުރުން، އދ.، އޯއައިސީ، އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ގަވާއިދުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އިޤްތިޞާދީ އަދި ތަރައްޤީގެ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުމުގެ ދާއިރާ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މެލޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި ވިސާގެ ލުއިފަސޭހަތަކާއި، ދިރާސާކުރުމާއި، ކޮންސިއުލަރ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ އިތުރުން، ފަލަސްޠީނުގެ ޙައްޤުގައްޔާއި ކޮޕް31 ގައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވި ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕަށާއި ދިވެހި ސަރުކާރުން ގެންގުޅުއްވާ އުޞޫލީ ނިންމެވުންތަކަށް ތަޢުރީފު ކުރެއްވިއެވެ. އަދި 100 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީގެ އިތުރުން، މެލޭޝިއާގެ "ގްރެޖުއޭޓް ޕާސް ސްކީމް" ގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމަވާފައިވާކަން ވެސް ބޮޑުވަޒީރު ވަނީ އިޢުލާނު ކުރައްވާފައެވެ.

މިއަދު އޮންލައިން