ރަސްމީ ހުއްދައަކާ ނުލައި އަގުބޮޑުކޮށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތަކުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ހޮޓްލައިނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހިފަހައްޓާފައިވަނީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 11 ގައެވެ. އަދި އަބޫ ތާހިރު ހިފަހައްޓާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މި ދެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނީ ތަހުގީގުން ފާހަގަކުރެވޭ ކަންކަމަށް ބަލައިގެން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.