ދިވެހިރާއްޖޭގެ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.މ.ޝ.ޢ) ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު މިއަދު މަޝްވަރާކުރައްވައިފިއެވެ.
އެސް.އެފް.ޑީގެ ސީ.އީ.އޯ، މިނިސްޓަރ ޒަރީރުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ތަރައްޤީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޒަރީރުވަނީ އެސް.އެފް.ޑީ އިން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ 14 މަޝްރޫޢަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ފައިނޭންސިންގގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ.
އެ ފަންޑުގެ އެހީތެރިކަން ވަނީ ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތަކަށް ފޯރުކޮށްދީފައެވެ. އެސް.އެފް.ޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) އަކީ ބައިނަލްއަޤްވާމީ ތަރައްޤީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތްކުރާ މައި އިދާރާއެވެ. 1974 ވަނަ އަހަރު ގާއިމުކުރެވުނު މި ފަންޑުގެ މަގުސަދަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ.
ހަބަރު: ސަރުކާރު