މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަންގެ އައު ވާޝަން "ފައިސާ މޮބައިލް އެކްސް 2.0" ރޯލްއައުޓްކޮށްފިއެވެ.
މި އަޕްގްރޭޑާއެކު އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް (ޔޫއައި) ވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ކުރިއަށްވުރެ ފަސޭހަވާނެހެން މުޅިން އަލުން ފަރުމާކޮށްފައެވެ. މީގެއިތުރުން، ފައިސާ ފޮނުވުމުގެ މުއާމަލާތްތައް އަވަސްކޮށްދިނުމަށް "ސްމާޓް ސާޗް" ގެ ޚިދުމަތާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ "ފައިސާ ރެމިޓް" ގެ ޚިދުމަތް ވެސް މި ވާޝަނުގައި ވަނީ ހިމަނާފައެވެ.
އައު ޚިދުމަތްތަކުގެ އިތުރުން، ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތާއި ފައިސާގެ މުއާމަލާތްތަކުގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކުރުމުގެ ގޮތުން އެޕްލިކޭޝަންގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
އެމްއައިބީން މަޢުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަން ގެނެސްދިނުމުގެ ގޮތުން ގިނަ އައު ޚިދުމަތްތަކެއް މި އެޕްލިކޭޝަން މެދުވެރިކޮށް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.