ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި ބައިވެރިވުމަށް ވަޑައިގެންނެވި މަންދޫބުންނާ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތަކުގައި ޕާޓީގެ އެކި ގުނަވަންތަކާއި ދާއިރާތައް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިނގާ މަހުގެ 15 އިން 18 އަށް ބާއްވާ ވެރިކަންކުރާ ޕާޓީގެ ކޮންގްރެސްއަށް ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ މަންދޫބުން ވަނީ ވެރިރަށް މާލެއަށް ޖަމާވެފައެވެ. ކޮންގްރެސްގެ އެންމެ ފަހުގެ އިންތިޒާމުތައް ފުރިހަމަކުރަމުންދާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ހެނދުނުން ފެށިގެން ހަވީރާ ހަމައަށް މަންދޫބުންނާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

އެގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވީ އެކި ދާއިރާތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއެވެ. އޭގެ ފަހުން ޕާޓީގެ އަންހެނުންގެ ގޮފިތަކާއި ޒުވާނުންގެ ގޮފިތަކުގެ ވެރިންނާ ބައްދަލުކުރެއްވިއެވެ. މީގެއިތުރުން ކޮންގްރެސްގައި ބައިވެރިވާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި ޚާއްޞަ ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ބޭފުޅުންނާވެސް ރައީސް ވަނީ ވަކިވަކިން ބައްދަލުކުރައްވާފައެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި، މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ކޮންގްރެސްގެ ތައްޔާރީތަކާއި ޕާޓީގެ އެކި ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދާއިރާތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމެވެ. މީގެއިތުރުން، ވެރިކަންކުރާ ޕާޓީއެއްގެ އެންމެ އިސް ލީޑަރު، ކޮންގްރެސް ފެށުމުގެ ކުރިން ޕާޓީގެ އެކި ގުނަވަންތަކުގެ މަންދޫބުންނާ މިފަދަ ގޮތަކަށް ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރު ކަމަށްވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.