"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިޙްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ސަރުކާރުން ފައްޓަވާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އާންމުކޮށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެކެވެ. މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަސްމީ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.

ވުޒާރާއިން އާންމުކޮށްފައިވާ އުޞޫލުގައިވާ ގޮތުން، ލޯގޯ ފަރުމާކުރަންވާނީ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދޭ ގޮތަށެވެ. އަދި ދިވެހި ޤައުމާއި ދިވެހިންގެ މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރުމާއެކު، ބެޖު، ސްޓިކަރ، ބޭނަރ، ޓީޝާޓު، ޕްރިންޓް މީޑިއާ، އިލެކްޓްރޯނިކް މީޑިއާ އަދި އެނިމޭޝަންތަކުގައި ފަސޭހައިން ބޭނުންކުރެވޭ ފަދަ ޑިޒައިނަކަށް ވާންޖެހެއެވެ.

ލޯގޯތައް އިވެލުއޭޓްކުރުމުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ކޮލިޓީ އަދި ޓެކްނިކަލް ފެންވަރަށް 30 މާކްސް، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމަށް 20 މާކްސް، ދިވެހިވަންތަކަމަށް 20 މާކްސް އަދި އިޙުތިރާމު އަދާކުރުން ރަމްޒުކޮށްދީފައިވާ މިންވަރަށް ބަލައިގެންނެވެ.

މި މުބާރާތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. ލޯގޯގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.

މިއަދު އޮންލައިން