މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ޑޮލަރުގެ އަގު މިހާރު ދަށް: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ޑޮލަރުގެ އަގު މިހާރު ދަށް: ވަޒީރު ސައީދު

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ޑޮލަރުގެ އަގު މިހާރު ދަށްވެފައިވާ ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ ކަމަށެވެ. އަދި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ތިރިވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 17 ނޮވެންބަރު 2023 ގައި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި ރޭންޖުގައި މިހާރު ޑޮލަރުގެ އަގުތައް ހިފެހެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ސަރުކާރުގެ މަސައްކަތް ފެށިއިރު އަގުތައް ހުރީ ވަރަށް ބޮޑަށް އުފުލިފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކާ ގުޅިގެން ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، އެ ފަރާތްތަކުން ލިބެމުންދާ އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކަށް ބަލާއިރު، ނޮވެންބަރު 2023 ގައި ޑޮލަރުގެ އަގު ހުރީ 15.39 ގައެވެ. އަދި އެ ދުވަސްވަރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅުނީ 17 ރުފިޔާއާއި 19.30 ރުފިޔާއާ ދެމެދުގައެވެ.

މިއަދު އޮންލައިން