ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް އިމާމުންނަށް ޚާއްޞަ ހެދުންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވިސްނަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް ކަމަށެވެ. އަދި ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ އިމާމުންނަށް މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް ވުޒާރާއިން ތާއީދުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.