ތަނަވަސްކަން ހުރެ، ގަދަވެ ހެޔޮޙާލުގައި އުޅޭއިރު ޞަދަޤާތް ނުކުރާ މީހުން ވަރަށް ގިނައެވެ. އެފަދަ ބައެއް މީހުން މުސްކުޅިވެ ބަލިޙާލެއްގައި އުޅެންޖެހުމުން ވިސްނި ޞަދަޤާތްކުރެއެވެ. އަނެއް ބައަކު އެމީހުން މަރުވުމުން ޞަދަޤާތްކުރަން ޥަޞިއްޔަތް ކުރެއެވެ. ހީވަނީ މަރުވާއިރު ވަކިވަރަކަށް މުއްސަނދިކަން ދުނިޔޭގައި ބަހައްޓަން މަޖުބޫރުވެގެން އުޅޭހެންނެވެ. މިއީ ވަރަށް ދަރަވަރުގެ ވިސްނުމެކެވެ.
ރަސޫލް ﷺ ގެ ޒަމާނުގައި އުޅުއްވި ބޭކަލަކު އަވަހާރަވަމުން ވަޞިއްޔަތްކުރައްވާފައިވަނީ އޭނާ އަވަހާރަވުމުން އޭނާގެ ގުދަނުގައި ހުރި ހުރިހާ ކަދުރު މަދީނާގެ ފަޤީރުންނަށް ބައްވަވައިދެއްވުމަށެވެ.
ރަސޫލް ﷺ ޞަޙާބީންނާއިއެކު ވަޑައިގެން އެގުދަނުގައި ހުރި ހުރިހާ ކަދުރު ނެރުއްވައި ބައްސަވައިދެއްވެވިއެވެ. އަދި އެކަން ނިމުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުދަންތެރެއަށް ވަދެވަޑައިގަތުމުން ހަލާކުވެފައި އޮތް ކާން ކަމުވެސްނުދާވަރުގެ ކަދުރުއޮށެއް ފެނިވަޑައިގަތުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.
"އޭނާ ދުނިޔޭގައި މި (ކުނި) ކަދުރު އޮށް ޞަދަޤާތްކުރިނަމަވެސް އޭނާ މަރުވުމަށްފަހު މުޅި މި ކަދުރުގުނުގައި ހުރި ހުރިހާ ކަދުރު ޞަދަޤާތްކުރުމުން ލިބޭނެ ވަރަށްވުރެ މާގިނަ ޘަވާބު ލިބުނީހެވެ!"
ޙާޞިލްކުރަންޖެހޭ ޢިބްރަތަކީ ދުނިޔޭގައި ހުރިއިރު އޭނާ އެޞަދަޤާތް ނުކުރީ މުދަލަސް އޮތް ދަހިވެތިކަން ބޮޑުކަމުން ކަމަސްވުން ގާތްކަމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ދަހިވެތިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްސިފައެވެ.
އޭނާގެ ތަކެތީގެ މައްޗަށް ހުރިހާ ބާރުތަކެއް ލިބިގެންވަނީ އެމީހާ ދުނިޔޭގައި ހުންނައިރުގައި ކަމެވެ. އަދި ތަނަވސްކަން ދެއްވަވަނީ ﷲ ކަމާއި އަހަރެމެން ބަހަން މިޖެހެނީ ﷲ ޙަވާލުކުރެއްވެވި އަމާނާތް ކަމެވެ.
ތަނަވަސްކަން ލިބެނީ ﷲ ދެއްވެވުމުންނެވެ. އެއީ އަމިއްލަމޮޅުކަމުން ލިބުނު އެއްޗެއްކަމަށް ޤަބޫލުކުރާނަމަ އެއީ ޤާރޫނުގެ ވިސްނުމެވެ. ދެން އޮތީ ތަނަވސްކަން ލިބުނީ އެމީހާކުރި ބުރަ މަސައްކަތުންކަމަށް ޤަބޫލުކުރުމެވެ. އެހެންކަމަށްވާނަމަ ބުރަކޮށް މަސައްކަތްކުރާ އެންމެންނަށް ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ވީޑިއޯ: