އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އަންހެނެކެވެ. ދިރިއުޅެން މަސައްކަތެއް ނުކުރެއެވެ. ލިބޭ ހަމައެކަނި އާމްދަނީއަކީ ނުކުޅެދޭ ދަރިފުޅަށް ސަރުކާރުންދޭ ޢިނާޔަތެވެ. އެކަމަކު ވަރަށް ގިނައިން އަގުބޮޑު ސެންޓާ ގަހަނާ ގަނެއެވެ. އެތަކެތި ގަންނަނީ ޙަރާމް ގޮތުގައި ފައިސާ ހޯދައިގެންނަމަ އެތަކެތި ޙަލާލުވާނެތޯއެވެ؟
ކިޔުންތެރިޔާ ސުވާލުކުރައްވާފައިވާ މޭރުމުން ދީނީ ޢިލްމްވެރިއަކާއި ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ "އޭނާގެ ގައިގަ އެލުވައިގެން އެއުޅެނީވެސް ގައިގަ އަޅައިގެން އުޅެނީވެސް އަލިފާން! މިއަދު ހޫނު ނުވިޔަސް އެންމެ ގަދަ ހޫނުން ހޫނުވާ ދުވަސް ބައްދަލުކުރާނެ!" ކަމަށެވެ.
ގުޅުންހުރި ލިޔުމެއް!
މިހާރު ވަރަށް ބޮޑެތި ކުއްޔަށް ހިފައި، މޮޅަށް ފިހާރަހަދައި، ވަރަށް މަދު މުދައުކޮޅެއް ލައިގެން ފިހާރަހިންގާ ބައަކު އެބައުޅެއެވެ. އެއިގެ ތެރެއިން ބައެއް ފިހާރަތަކަށް ބެލިއިރު ދުވާލަކު ޖުމުލަ 5 ކަސްޓަމަރުން ނުވަންނަ ފިހާރަތައްވެސް އެބަހުއްޓެވެ. އެކަމަކު ކޮންމެ މަހަކު މިލިއަނުން ފައިދާވާކަމަށް ހިސާބުތަކުން ދައްކައެވެ. ދުވާލަކު 200، 300 ކަސްޓަމަރުން ވިޔަފާރިކުރާ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ. މިފަދަ މީހުން އެކުރަނީ ކޮންމެވެސް ޙަރާމް ވިޔަފާރިއެއްކަން ޔަޤީންނޫންތޯއެވެ؟ ދެން އެފައިސާ އަނބިދަރިންނަށާއި ޢާއިލާއަށް ޚަރަދުކުރަން ޙަލާލުވާނެތޯއެވެ؟
މިހާރަކަށް އައިސް ބައެއްމީހުން ޙަރާމް ކަންކަންކޮށްގެން އެލިބޭ ފައިސާ ޙަލާލު ކުރުމުގެ ނިޔަތުގަ ބޮޑެތި މަކަރުތައް އެބަހަދައެވެ. ދެން އެފައިސާ އަނބިދަރިންނަށް ކާންބޯންދިނީމާ އެކަމުން އަނބިދަރިން ފާފަވެރިވާނެތޯ؟
މިފަދަ ސުވާލުތައް ތަފާތު ޢިބާރާތުން ކިޔުންތެރިން ކުރައްވަމުން ގެންދަވާތީ ދަންނަވަމެވެ. ތިރީގައިވާ ޖަވާބަށް ވިސްނަވައި ޢަމަލުކުރައްވާށެވެ!
"އަނބިދަރިންނަށްވެސް ފިރިމީހާ އެކާންދޭ ފައިސާ އަކީވެސް ޙަލާލު ފައިސާ ނޫންކަން ޔަޤީންވާ ކަމުގައި ވަނީނަމަ ނުވަތަ ކިރިޔާވެސް އެކަމުގާ ޝައްކެއް އުޅޭކަމަށް ވަނީނަމަ ދުރުހެލިވާން ވާނެއެވެ. އަދި ޔަޤީންވާކަމަށް ވަނީނަމަ އޭގެ ބޭނުން ކޮށްގެން ނުވާނެއެވެ. އެއީ ޙަރާމް ފައިސާކަން އެނގިހުރެ އޭގެ ބޭނުން ކޮށްފި ކަމަށްވަނީނަމަ އެހިސާބުން އެމީހަކު ފާފަވެރިވާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އެނގިގެން މިދިއައީ ފިރިމީހާ ގެނެސްދިންނަމަވެސް އަދި އަނބިމީހާ ދިނަސް ޙަރާމް ގޮތުގައި ހޯދާފައި ހުންނަ ފައިސާ ޙަލާލް ނުވާނެކަމާއި އެއިގެ ބޭނުންކުރުން ހުއްދަނުވާނެ ކަމެވެ. ޙަރާމް ގޮތުގައި ހޯދާފައިސާއަށް ގަންނަ ޙަލާލް ތަކެތިވެސް ހިމެނޭނީ ޙަރާމް ތަކެތީގެ ތެރޭގައެވެ.