ތިމާގެ ދުލުން ނުގޮވިނަމަވެސް މައިންބަފައިންނަށް ނުބައިބަސްބުނިކަމުގެ ފާފަލިބޭގޮތް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ތިމާގެ ދުލުން ނުގޮވިނަމަވެސް
މައިންބަފައިންނަށް ނުބައިބަސްބުނިކަމުގެ ފާފަލިބޭގޮތް އެނގޭތަ؟

 

އަހުރެމެންގެ ޢަމަލުތައް އިޞްލާޙްކޮށް ފާފަކުރެވުމުން ސަލާމަތްވެ ތިބެވެން އޮތީ ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތައް ރަނގަޅަށް އެނގިގެންނެވެ. މިރޭ ބުނެދޭން މިއުޅެނީވެސް ގިނަ ބައަކަށް ނުއެނގޭތީ ނަމަވެސް ސަމާލުކަން ނުދެވި އޮންނަ ޙަދީޘްފުޅެކެވެ.

ބައެއް މީހުން ރުޅިއައުމުން އެމީހުންގެ މައިންބަފައިންނަށް ބަދުބަސް ނުބުނިނަމަވެސް އެހެން މީހުންގެ މައިންބަފައިންނަށް ނުބައިބަސްތައް ބުނެއެވެ. އެފަދަ ޙާލަތުގައި އެކަން ފުރޮޅިގެންދާ ގޮތް އެނގޭ ހެއްޔެވެ؟ މި ޙަދީޘްފުޅަށް ވިސްނައިލާށެވެ!

ރަސޫލާ ﷺ ޙަދީޘް ކުރެއްވި: "މީހަކު އޭނާގެ އަމިއްލަ ބައްޕައަށް ބަދުބަސް ބުނުމަކީ ބޮޑުވެގެންވާ ފާފައެކެވެ." ދެންނެވުނު: "އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ މައިންބަފައިންނަށް ބަދުބަސް ބުނާނެތޯއެވެ؟"

 

ޙަދީޘް ކުރެއްވި: "އާއެކެވެ. މީހަކު އެހެން މީހެއްގެ ބައްޕައަށް ބަދުބަސް ބުނަނީއެވެ. ޖަވާބުގައި އޭނާ އަނެކާގެ ބައްޕަ އަށް ބަދުބަސް ބުނެއެވެ. މީހަކު އެހެން މީހެއްގެ މަންމައަށް ބަދުބަސް ބުނަނީއެވެ. ޖަވާބުގައި އަނެކާގެ މަންމަ އަށް ބަދުބަސް ބުނެއެވެ."

-      ޙަދީޘްގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

އެނގިގެން މިދަނީ ތިމާޢަކީ ނުވަތަ ތިމާއާއިއެކުގައިވާ މީހުންނަކީ އެންމެ މޮޅު މީހުންކަމަށް ދެކިގެން އެހެން މީހުންނަށް ނިކަމެތި ބަސްތައް ބުނުމާއި ތިމާގެ ކިބައިގައި ހުރި ކުށްތައް އިޞްލާޙްނުކޮށް، އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް އެހެން މީހުންނަށް އަމާޒުކޮށް ބަސްތައް ބުނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. އެފަދަ ކަންކަން ކުރުމުން ތިމާއަށާއި ތިމާއާއި އެކުގައިވާ މީހުންނަށްވެސް ލިބޭނީ އަނިޔާތައްކަންވެސް އެނގިގެންދެއެވެ.

 

އަހުރެމެންނަކީ މުސްލިމުންނެވެ. އެއްވެސް މީހަކަށް ނުބައި ބަސްތައް ނުބުނާށެވެ! އަދި ވިސްނާށެވެ! ކިތަންމެ ރުޅިއައިނަމަވެސް އެއްވެސް މީހެއްގެ މައިންބަފައިންނަށް ނުބައި ބަސްތައް ނުބުނާށެވެ! ގިނަ މީހުން، އެމީހުންނަށް ނިޞްބަތްކޮށް ނުބައިބަސްތައް ބުނުމަށްވުރެ އެމީހުންގެ މައިންބަފައިންނަށް ނިޞްބަތްކޮށް އެފަދަ ބަހެއް ބުނެފިނަމަ އަންނަ ރުޅި މާގަދަވާނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން