ސިފައިންގެއާއި ދިވެހި ދައުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މ. މާކަރީ، އަޙްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން ރައީސްގެ މެސެޖުގައި ވަނީ، "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން" ކަމަށް ވިދާޅުވެ ދުޢާ ކުރައްވާފައެވެ.
އަވަހާރަވި އަޙްމަދު މަނިކަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.