ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު، ރަސްމީ ދަތުރުފުޅެއްގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، އިސްތިޤްބާލު ކުރެއްވީ މިނިސްޓްރީ އޮފް ފިނޭންސް އަދި ޕަބްލިކް އެންޓަޕްރައިސަސްގެ އިސްވެރިންނެވެ.
ޝާހީ އަމުރެއްގެ ދަށުން 1974 ވަނަ އަހަރު އުފައްދައި، 1975 ގައި ޢަމަލީ ގޮތުން މަސައްކަތް ފެށި އެސްއެފްޑީއަކީ އަމިއްލަ މިނިވަންކަން ލިބިފައިވާ މާލީ އިދާރާއެކެވެ. ފުރަތަމަ 10 ބިލިއަން ސައުދީ ރިޔާލްގެ ރައުސްމާލަކުން ފެށި މި ފަންޑުގެ ކެޕިޓަލް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރު ވަނީ 31 ބިލިއަން ސައުދީ ރިޔާލަށް މަތިކޮށްފައެވެ.