އެކައުންޓްތަކާއި ލޯނުތައް ޝަރީއާ ހަމަތަކަށް ފެތޭ ހިދުމަތްތަކަށް ބަދަލުކުރެވޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
އެކައުންޓްތަކާއި ލޯނުތައް ޝަރީއާ ހަމަތަކަށް ފެތޭ ހިދުމަތްތަކަށް ބަދަލުކުރެވޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ސިޔާސަތުގެ ދަށުން، އާންމު ކަސްޓަމަރުންގެ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރީއާ ހަމަތަކަށް ފެތޭ ހިދުމަތްތަކަށް ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މީގެ އިތުރުން، މިއަދުން ފެށިގެން އަލަށް ހުޅުވާ އެކައުންޓްތަކާއި އެދޭ ޕާސަނަލް ލޯނުތައްވެސް ދޫކުރަން ހަމަޖެހިފައިވަނީ އިސްލާމިކް ބޭންކިންގެ އުސޫލުން ކަމުގައި އެ ބޭންކުން މައުލޫމާތު ދެއެވެ.

މި ސިޔާސަތުގެ ދަށުން ވޭތުވެދިޔަ އަހަރު ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި ހިންގާ ހުރިހާ ގޮފިތަކެއް އިސްލާމިކް ބޭންކިން ގޮފިތަކަށް ބަދަލުކޮށް، އެ ތަންތަނުން އިސްލާމިކް ހިދުމަތްތަކަށް އިސްކަންދޭން ފަށާފައެވެ. ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި އެ ބޭންކުގެ އިސްލާމިކް ހިދުމަތްތައް ދެމުންދަނީ ޝަރީއާ ހަމަތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތަކާއެކު، އިސްލާމިކް ބޭންކިން ފަންޑު ވަކިން ބަލަހައްޓައިގެން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ބަދަލާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ގައި ތައާރަފުކުރި އިސްލާމިކް ބޭންކިން ހިދުމަތަށް ވޭތުވެދިޔަ ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މަގްސަދަކީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޝަރުއީ ހަމަތަކަށް ފެތޭ މާލީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާންމު ހިދުމަތްތައް އިސްލާމިކް އުސޫލަށް ބަދަލުކުރި ނަމަވެސް، ކަސްޓަމަރަކު އެދިއްޖެނަމަ ކޮންވެންޝަނަލް ބޭންކިން ހިދުމަތް ލިބޭނެ މަގުވެސް ބޭންކުން ފަހިކޮށްދޭނެއެވެ. ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ފަރާތް ކަމަށްވާއިރު، މީގެ ތެރޭގައި އެކައުންޓްތަކާއި ކާޑުތަކުގެ އިތުރުން ފައިނޭންސިން ހިމެނެއެވެ. އަދި ރާއްޖޭގައި ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރަނީވެސް ބީއެމްއެލްއިން ކަމަށްވާއިރު، މި ބަދަލުތަކުން ދައްކުވައިދެނީ އިސްލާމިކް ބޭންކިން ފުޅާކުރުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަމެވެ.

މިއަދު އޮންލައިން