ސިޔާސީ ގޮތުން ބެހިފައިވީ ނަމަވެސް، ދީނާއި ޤައުމުގެ މިނިވަންކަމުގައި އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 38ސ
ސިޔާސީ ގޮތުން ބެހިފައިވީ ނަމަވެސް، ދީނާއި ޤައުމުގެ މިނިވަންކަމުގައި އެއްބައިވަންތަ ބަޔަކަށް ވާންޖެހޭ: ޑރ. ޝަހީމް

ސިޔާސީ ގޮތުން އެކި ޕާޓީތަކާއި ޖަމާޢަތްތަކަށް ބެހިފައިވީ ނަމަވެސް، އިސްލާމްދީނުގެ ކަންތައްތަކުގައްޔާއި ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމުގައި ދިވެހިން ވާންޖެހޭނީ އެއްބައިވަންތަ އަދި އަޚުވަންތަ ބަޔަކަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން މި ޤައުމަށް ގޮންޖެހުން ކުރިމަތިވާ ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި ރާއްޖެ 900 އަހަރު ވަންދެން އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތުމުގެ މައިގަނޑު ސަބަބުތަކަކީ މާތް ﷲ ގެ ފަޟުލުވަންތަކަމާއި، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ދިވެހި ދައުލަތުން އިސްލާމްދީން ޙިމާޔަތްކުރުމަށް ގެންގުޅުނު ހަރުދަނާ ސިޔާސަތުތައް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ޕާކިސްތާން، މެލޭޝިޔާ އަދި އިންޑިއާ ފަދަ އިސްލާމީ ޤައުމުތަކުން ދިވެހި ދަރިންނަށް ހިލޭސާބަހަށް ޢިލްމު އުނގަންނައިދިނުމަށް ކޮށްދެއްވި މަސައްކަތްތައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން ޙާފިޡުންގެ އެލަވަންސް ބޮޑުކޮށްދެއްވާފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި 322 ޙާފިޡުން ތިބިއިރު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް 30 ރަށެއްގައި ޤާއިމުކޮށްފައިވާ ކަމަށާއި، 20 ތަނެއް ރަޖިސްޓްރީ ކުރުމާއި 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 އަށްވުރެ ގިނަ ތަން ހިމެނިފައިވާކަން ވެސް ހާމަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތުގެ ބިންގާ މާދަމާ އެޅިގެންދާނެ ކަމަށާއި، އެ މިސްކިތަށް ނަންދެވިފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ކަމަށެވެ. އަދި ދާރުއްސަލާމް ބިލްޑިންގ، ދާރުލްއަރުޤަމް ބިލްޑިންގގެ އިތުރުން ކުޅުދުއްފުށި، ތިނަދޫ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ހިންގާ ވަޤްފު މަޝްރޫޢުތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

ޒަކާތުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތަށް ވަކި ޚާއްސަ އިދާރާއެއް ޤާއިމުކުރެވި، ޒަކާތުގެ ޤާނޫނެއް އެކުލަވާލެވިގެން ޢަމަލުކުރެވެމުންދާ ކަމެވެ. އަދި 6 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތުގެ ޚާއްސަ ސްކޮލަރޝިޕް ދޭން ފެށުމުގެ ސަބަބުން އިސްލާމީ މާލީ އިދާރާތަކާއި އެހެނިހެން މުއައްސަސާތަކަށް ބޭނުންވާ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް މަގުފަހިވެފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަދު އޮންލައިން