ކޮންމެ މީހަކުވެސް އެމީހަކަށާ މައިންބަފައިންގެ އިތުރުން އަހުރެމެންގެ އުންމަތަށްޓަކައި ސަޖިދައިގަ އޮވެގެންވެސް ކުރަން ފައިދާހުރި ބައެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 37ސ
ކޮންމެ މީހަކުވެސް އެމީހަކަށާ މައިންބަފައިންގެ އިތުރުން އަހުރެމެންގެ އުންމަތަށްޓަކައި ސަޖިދައިގަ އޮވެގެންވެސް ކުރަން ފައިދާހުރި ބައެއް ދުޢާ-

ދުޢާއަކީ ހަތިޔާރަކަށް ހަދަންވީ ބޭނުމެއް ޖެހުމުން އެކަންޏެއް ނޫނެވެ. އަބަދުވެސް ތިބެންވީ ދުޢާކުރުންމަތީގައެވެ. ޚާއްޞަކޮށް މައިންބަފައިންނަށްޓަކާ ކޮންމެ ދުވަހަކުވެސް، ކޮންމެ ނަމާދެއްގައިވެސް ދުޢާކުރާށެވެ. މިގެނެސްދެނީ ސަޖިދައިގަ އޮވެގެންވެސް ކުރެވޭނެ ދުޢާއެވެ.  

މައިންބަފައިންނާއި ވަކިން ދިރިއުޅޭނަމަ މަސައްކަތްތައް ހުންނަ ގޮތުން ނުވަތަ ދުރުރަށެއްގައި ދިރިއުޅެންޖެހޭތީ ނަމަވެސް ގިނަގިނައިން މައިންބަފައިންނާއި ބައްދަލު ނުކުރެވިދާނެއެވެ. އެޙާލަތުގައިވެސް މައިންބަފައިންގެ މަތިން ހަނދާންކުރަންވާނެއެވެ. ގުޅައި ޙާލުބަލަންވާނެއެވެ. އެމީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ.  

އެއިރުން އެކަމުގެ ސަބަބުންވެސް ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެމުންދާނެއެވެ. އިންޝާ ﷲ. ތިބާގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. ތިބާއަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

1 ތިމާއަށާ ބައިންބަފައިންނަށާ އެންމެހައި މީސްތަކުންގެ މައްޗަށް ކުރަން އޮތް ދުޢާއެއް:  

"رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ 

"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމްވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!" (އިބްރާހީމް: 41) 

2 މައިންބަފައިންނަށްޓަކާ ކުރަން އޮތް ދުޢާއެއް:  

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا 

"އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (އަލް އިސްރާ:24) 

3 ނޫޙުގެފާނު ކުރެއްވެވި ދުޢާ:  

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، އީމާން ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް ފާފަފުއްސަވާނދޭވެ!" (ނޫޙް: 28)  

4 ސުލައިމާނުގެފާނު ކުރެއްވެވި ދުޢާ:

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ 

"އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙު ޢަމަލު ކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން، އިބަރަސްކަލާނގެ ޞާލިޙު އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (އަންނަމްލް: 19)  

"މައިންބަފައިންނަށްޓަކާ ކުރާ ދުޢާ ދިވެހި ބަހުން ކުރެވިދާނެތޯ؟"  

މިފަދަ ސުވާލުތައް ކުރައްވާ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ މައިންބަފައިންނަށްޓަކައި ކުރަން ކިރިތި ޤުރްއާނާއި ސުންނަތުން ޘާބިތުވާންހުރި ދުޢާތަކުގެ އިތުރުން ދިވެހިބަހުން ދުޢާކުރަން ބޭނުންނަމަ އެކަމަކަށްވެސް އެއްވެސް ހުރަހެއް ނެތެވެ. 

ޝައިޚް ޝާފިޢުގެ މިބަސްފުޅުން އެކަން އެނގިލައްވާނެއެވެ.    

މަރުވެފައިވާ ޢާއިލާ މީހުންނަށްޓަކައި ދުޢާ ކުރާއިރު، އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވުމަށާއި އެމީހުންނަށް ރަޙްމަތް ލެއްވުމަށާއި އެމީހުން ނަރަކައިން ސަލާމަތް ކުރައްވާ ސުވަރުގެ ވެއްދެވުން އެދި ދިވެހި ބަހުން ދުޢާކުރީމަ ރަނގަޅުވާނެއެވެ! 

ޢަރަބި ބަހުން ދުޢާކުރުމަކީ ވަކި ދުޢާ އިޖާބަވުން އަވަސްވާ ސަބަބެއް ނޫނެވެ!

--الشيخ محمد شافع

 

 

މިއަދު އޮންލައިން