ކައިވެނިކުރުމަކީ ކުރިއަށްދެވޭނެ ދޮރުތައް ހުޅުވޭ ކަމެއް! ބަންދުވާނެ ކަމަށް ވިސްނައިދެނީ އިބިލީސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނިކުރުމަކީ ކުރިއަށްދެވޭނެ ދޮރުތައް ހުޅުވޭ ކަމެއް! ބަންދުވާނެ ކަމަށް ވިސްނައިދެނީ އިބިލީސް!

ބައެއް އަންހެނުންނަށް ވިސްނިފައި އޮންނަނީ ކައިވެނިކުރުމާއިއެކު އެހިސާބުން އޭނާގެ ކުރިއެރުން  ތަޅުލެވޭނެ ކަމަށެވެ. ނުވަތަ ކުރިއަށް ދާން އޮތް މަގު ބަންދުވާނެ ކަމަށެވެ. މިކަންކަން މިގޮތަށް ވިސްނެނީ ވަރަށް ހަނިދާއިރާއަކުން ވިސްނާ މީހުންނަށެވެ.  

ފުރަތަމަކަމަކަށް ވިސްނައިލާށެވެ! މާމަދަރިން ލިބޭފަހުން ޕީއެޗްޑީ ޙާޞިލުކުރާ އަންހެނުން އަންނަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް އަސާސީ ތަޢުލީމާއިއެކު ކައިވެނިކުރުމަށްފަހު ކިޔަވައި ޑިގްރީ ޙާޞިލްކުރާ އަންހެނުންގެ މިލިއަނުން ގުނައިލެވޭނެއެވެ.  

ހަމައެއާއިއެކު ޢާދައިގެ ވަޒީފާއެއްގައި ހުރެ ކައިވެނިކުރުމަށްފަހު ސީއީއޯއިންނަށްވެފައި ތިބި އަންހެނުން މަދީހެއްޔެވެ؟ އަދި ވަރަށް އާދައިގެ ވިޔަފާރިއެއް ކުރަމުން ކައިވެނިކުރުމަށްފަހު ވިޔަފާރި ފުޅައުކޮށް ތަނަވަސްކަން ހޯދާ އަންހެނުން މަދީހެއްޔެވެ؟  

މިފަދަ ހުރިހާ ކަމަކުންވެސް އެނގިގެންމިދަނީ ކައިވެނިކުރުމަކީ ތިމާ ޙާޞިލްކުރަން ބޭނުންވާ އެއްވެސް ކަމެއް ޙާޞިލުކުރަން އޮތް ހުރަހެއް ނޫންކަމެވެ. ކައިވެނިކުރުމުން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ހުރަސްއެޅޭނެ ކަމަށާއި ކައިވެނިކުރަންވާނީ އެންމެ މަތީ ކުރިބޯށްޓަށް ވާޞިލުވެވުމުން ކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ބޭނުމަކީ ކައިވެނިކުރިއަނުދީ ވީހާ ގިނަ ދުވަހަކު ބަހައްޓުވައިގެން ތިބާ ލައްވަވައި ވީހާ ގިނަ ފާފަތައް ކުރުވުމެވެ.

ލޮބުވެތި އުޚުތުންނޭވެ! ޝައިޠޯނާގެ މިމަޅީގައި ނުޖެހޭށެވެ! ކާމިޔާބީއަކީ އެކަން ޙާޞިލުކުރަން ބޭނުންވާ މީހާގެ އަޅެކެވެ. ގަދައަޅައި މަސައްކަތްކޮށްފިނަމަ ޙާޞިލުކުރެވޭނެ އެއްޗެކެވެ. އިން ޝާ ﷲ  

ކައިވެނިކޮށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އިތުރުވަމުންނެވެ. ބޭނުންތައް ދާނީ ޙާޞިލްކުރެވެމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން