ކޮންމެ ކަމެއްގައިވެސް ބަލަން އޮތީ ނަބަވީ އިރުޝާދަށެވެ. އެގޮތުން ބަލާއިރު ގޭގައި ދިރިއުޅޭ މީހުންގެ އިތުރަށް އެނދެއްހުރުން ހުއްދައީ ޒިޔާރަތްކުރާ މެހްމާނުންނަށެވެ. މާނައަކީ ބޭނުންވާވަރަށްވުރެ އިތުރަށް އެނދުތައް ނުބެހެއްޓުމެވެ.
ނަމަވެސް މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ބޮޑެތި ގެތައް އަޅައި ފަރުނީޗަރުލާފައި ކޮޓަރިތައް ހުހަސްބަހައްޓަނީއެވެ. އެތަންތަން ހުޅުވަނީވެސް ވަރަށް މަދުންނެވެ. ނަތީޖާއަކަށްވަނީ އެތަންތަނުގައި ޝައިޠޯނުންތައް ހާލިހަދައިގެން އުޅުމެވެ. އެއީ އެތަންތަނުގައި ޛިކުރުނުކުރެވޭތީއެވެ. ނަމާދުނުކުރެވޭތީއެވެ. ފަޅަށް ބަހައްޓާތީއެވެ.
ދެވަނައީ ފާޚާނާތަކެވެ. ފާޚާތަކުގައިވެސް އެއްޗެތި ހާލިހަދައިގެން އުޅޭނެއެވެ. ޛިކުރުތައް ނުކިޔައި ނުވަންނާށެވެ!
ތިންވަނައީ ގޭގައި ދިރޭއެއްޗެތީގެ ސިފައިގައި ހަދާފައި ހުންނަ ތަކެއްޝާއި ކުރެހުންތައް ބެހެއްޓުމެވެ. މިފަދަ ތަކެތި ހުރިނަމަ ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއެވެ. އެއިރުން އެގެއެއްގައި އުޅޭނީ ޝައިޠޯނުންތަކެވެ.
ވީމާ ކޮންމެ ގެއެއްގައިވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ޝައިޠޯނުންނަށް ފުރުޞަތު ނުލިބޭނީ އެއިރުންނެވެ.
- މަޢުލޫމާތު: އުސްތާޛާ މިޒްނާ
- -މިއަދުނޫސް