އަހުރެން މިރޭވެސް ފަށާނީ މަންމައަށް ހެޔޮކޮށްހިތަންޖެހޭ ސަބަބުތަކާއި އެކަމުން ކުރާނެ ފައިދާގެ ވާހަކައިންނެވެ. އެއީ ވިޔަފާރިއަކަށް ބަލައިފިނަމަ އެއަށްވުރެ ފައިދާހުރި ވިޔަފާރިއެއް ނެތެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތް ވީމައެވެ.
އެންމެ މަތީ ޤަދަރެއް ޙައްޤުވެގެންވަނީ މަންމައަށެވެ. މިއީ އެއްވެސް މުސްލިމަކަށް ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. އެންމެ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭނީ މަންމައަށް ކަމަކށް ވިދިވިދިގެން 3 ފަހަރު ޙަދީޘްފުޅުކުރައްވަވާފައި އޮތުމުންނެވެ. އަދި ޚީއްހެއްޔެވެ؟ މިޙަދީޘްފުޅު އޮތްކަން ނުއެނގޭ ކާފިރުންވެސް މިކަން މިގޮތަށް ޤަބޫލުކުރެއެވެ.
ދެން އޮތީ އެންމެ ބޮޑު އުޖޫރައިގެ ވާހަކައެވެ. އުޖޫރަ މިތަނުގައި އަހުރެން މާނަކުރާނީ މުސާރައަށެވެ. ނޫންނަމަ އެއްފަހަރާ ފައިސާތަކެއް ދީފައި ނިންމައިލެވިދާނެއެވެ. މައިންނަށް ދޭންޖެހޭ އުޖޫރައަކީ އެގޮތަށް ނިންމައިލެވެން އޮތް އުޖޫރައެއް ނޫނެވެ. މަންމަ ދުނިޔޭގައި އިންހާދުވަހަކު ދޭންޖެހޭ އުޖޫރައެކެވެ. ވީމާ ދޭންޖެހޭ އުޖޫރަ ހަދަންޖެހޭނީ މުސާށާރައަކަށެވެ. ކޮންމެ މަހަކުވެސް ކޮންމެ ދުވަހަކުވެސް ޑޭންޖެހޭނެތީއެވެ.
ދެން އޮތީ މަންމައަށް ދޭންޖެހޭ މުސާރަ ކަނޑައެޅުމެވެ. ކޮންމެ މީހަކަށްވެސް މުސާރަ ކަނޑައަޅަންޖެހޭނީ އެމީހަކު ކުރާ މަސައްކަތަކާއި އަޅުވައެވެ. އެގޮތުން ބަލައިފިނަމަ ދަރިންނަށްޓަކައި އެންމެ ބޮޑު ބުރަ އުފުލަނީ މައިންނެވެ. އެންމެ ބޮޑު ޤުރްބާނީއެއް ވަނީވެސް މަންމައެވެ. ވީމާ އެންމެ ބޮޑު މުސާރައެއް ޙައްޤުވާނީ މަންމައަށެވެ.
ދެން އޮތީ ރިސްކް އެލަވަންސްއެވެ. ކޮންމެ ދަރިއަކުވެސް ދުނިޔެއަށް އުފަންވަނީ މަންމަ އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ފުރާނައިން ރިސްކްނަގާތީއެވެ. ވީމާ އެންމެ ބޮޑު ރިސްކް އެލަވަންސެއްވެސް ޙައްޤުވާނީ މައިންނަށެވެ.
ކޮންމެ ދަރިއަކަށްވެސް އޮތީ މައިންނާއިމެދު މިބުނި މަގުން ކަންކަން ކުރުމެވެ. ތިމާމެން އެންމެ ބޮޑަށް ޤަދަރުކުރާ މީހަކީ މަންމަކަމަށް ހަދަންޖެހެއެވެ. އެންމެ ބޮޑު މުސާރަވެސް އަދި އެންމެ ބޮޑު ރިސްކް އެލަވަންސްވެސް ދޭންޖެހެއެވެ. ނުދީފިނަމަ ދުނިޔޭގެ ކޯޓަކަށް ނުދިއަ ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެދަރިއަކަށް ޙުކުމް އިއްވަވާނެތެވެ. ހމަ އެފަދައިން މިބުނި މަގުން މަންމައަށް ކަންކަން ކޮށްދޭ ދަރިންނަށް އެކަންކަން ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން