މިތުރުންނާ އެކުވެރިންނަކީ މުޅިން ތަފާތު ބައެއް! އެކުވެރިއަކު ގެއްލުމުން ލިބޭ ދެރައަށްވުރެ މިތުރަކު ވަކިވުމުން ލިބޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މިތުރުންނާ އެކުވެރިންނަކީ މުޅިން ތަފާތު ބައެއް!
އެކުވެރިއަކު ގެއްލުމުން ލިބޭ ދެރައަށްވުރެ މިތުރަކު ވަކިވުމުން ލިބޭނެ ދެރަ
މާބޮޑުވާނެ!


މިތުރުގެ ޢާންމު މާނައަށް ބަލައިފިނަމަ އެއީ އެކުވެރިޔާ ކަމަށް ބެލުނު ނަމަވެސް މިތުރުގެ ޙަޤީޤީ މާނަ ވަރަށް ތަފާތެވެ. ވީމާ އެކުވެރިންނާ މިތުރުންނަކީ މުޅިން ތަފާތު ދެދަރަޖައެއްގެ ބައެކެވެ. ވީމާ މިތުރުންނާމެދު ކަންތައްކުރަންޖެހޭ ގޮތާ ދޭންޖެހޭ ސަމާލުކަންވެސް ތަފާތުކުރަންޖެހޭނެއެވެ.

ވަރަށް މަދުމީހެއްގެ ނޫނީ އެކުވެރިން ގިނަވާނެއެވެ. ކޮންމެ މީހެއްގެވެސް ކޮންމެވެސް ވަރަކަށް އެކުވެރިން ތިބޭނެއެވެ. އެކުވެރިން ކިތަންމެ ގިނަ ނަމަވެސް މިތުރުންނަކީ ވަރަށް މަދުބައެކެވެ.

މިތުރުންގެ ކިބައިން ފެންނާނެ ސިފަތަކަށްބަލާއިރު މުޞީބާތުގެ ވަގުތުތަކުގައިވެސް ހެޔޮ އެދޭ މިތުރުން ތިބާ ގާތު ބުނާނީ ތެދު ބަހެވެ. ދޭނީ ހެޔޮ ނަޞޭޙަތެވެ. ތިބާއަށް އުފާވެރިކަމެއް ލިބިއްޖެ ނަމަ އެކަން ފާހަގަކުރުމުގައިވެސް މިތުރުން ބައިވެރިވާނެއެވެ. އަދި ހިތާމައިގެ ވަގުތުތަކުގައި މިތުރުން ތިބޭނީ ތިބާ އާއި އެކުގައެވެ. އެހީތެރިވެސްވާނެއެވެ.

މިތުރުންގެ ތެރެއިންވެސް އެންމެ ހެޔޮކަންބޮޑު މިތުރުންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ނަމާދުކުރުވން ބާރުއަޅާ މީހުންނެވެ. ރިވެތި އަޚްލާޤް ހަނދުމަކޮށްދޭ މީހުންނެވެ. ފާފަތަކަށް ބިރުވެތިކުރުވައި ފާފަކުރުމުން ސަލާމަތްކޮށްދޭން ގަދައަލައި މަސައްކަތް ކުރާ މީހާއެވެ.

މިފަދަ ހެޔޮ ލަފާ މިތުރުން މިއަދު ވަރަށް މަދެވެ. އެހެންކަމުން އެފަދަ މިތުރަކު ލިބެނީ ވެސް ވަރަށް މަދުންނެވެ. މިފަދަ ހެޔޮލަފާ މިތުރަކު ލިބިއްޖެ ނަމަ އެމީހަކާއި ވަކިނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

އެފަދަ މިތުރުން ދޭ ނަޞޭޙަތް ބަލައިގަންނާށެވެ! ބަލައިގަންނަން އުނދަގޫވި ނަމަވެސް ދޫނުކުރާށެވެ! ބަލިވުމުން ޑޮކްޓަރު ދޭ ބޭހަކީވެސް މީރު އެއްޗެއް ނޫނެއް ނޫން ހެއްޔެވެ؟ އެހެންކަމާއިއެކުވެސް ބަލި ފަސޭހަވަނީ ގަދަކަމުން ނަމަވެސް ބޭސް ބުއިމުން ނޫން ހެއްޔެވެ؟ އެ މިސާލުން ހިތްވަރު ހޯދާށެވެ!

 

ކިތަންމެ ގާތް އެކުވެރިއަކާއިވެސް ޚިޔާލުތަފާތުވެދާނެއެވެ. މައްސަލަވެސް ޖެހިދާނެއެވެ. ނަމަވެސް މިތުރުން ކަމަށް މިބުނިފަދަ ހެޔޮލަފާ މީހަކާއި ދުރުނުވާށެވެ! ދެންމެ މިބުނެދިނީ އެކަންކުރަން ޢަމަލުކުރަންވީ ގޮތުގެ މިސާލެކެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން