މާތް ﷲގެ އަޅުތަކުންނޭވެ!
ހަމަކަށަވަރުން އަހަރެމެންގެ މި މާތް ދީނަކީ ފުރިހަމަ، ދީނެކެވެ. އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް މި ދީން ބާރުއަޅައެވެ. ކަން މިހެން ހުރުމާ އެކު ވެސް މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދެވެ. މިއަދު އެ މީހަކަށް މާތް الله ތެދުމަގު ދެއްކެވި މީހަކު މެނުވީ، ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީކަމަށް ހީކުރެއެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާ އެކު، ސުންނަތް ނަމާދާއި ސުންނަތް ރޯދައާއި ޞަދަޤާތްކުރުން ފަދަ ހެއު ޢަމަލުތައް ކުރާ މީހުން މަދެއް ނޫނެވެ. އެހެނަސް ހިތާމައަކީ، އެ ފަދަ ހެޔޮލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަމެވެ. އެ ގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެނެއެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު z އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. އަދި ކިއެއްހެއްޔެވެ! ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅެވެ. އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅެވެ. ﷲ سُبْحَانَهُ وَتَعَالَىވަޙީކުރައްވައިފައި ވެއެވެ. --- "ހަމަކަށަވަރުން، اللهގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللهގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާކަމުގައިވާ މީހަކަށެވެ."
މުސްލިމް އަޚުންނޭވެ! މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެކެވެ. ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ رَفِيْقٌ يـُحِبُّ الرِّفْقَ وَيُعْطِيْ عَلَى الرِّفْقِ مَا لَا يُعْطِيْ عَلَى الْعُنْفِ)[1] މާނައީ: "ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَىއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ ހަރުކަށިކަމާއި ގަދަބަދަވިކަމަށް ނުދެއްވާ ސަވާބާއި ދަރުމައާއި އެނޫންވެސް ހެޔޮ ކަންތައް، އޯގާތެރިކަމާއި މަޑުމައިތިރިކަމަށް ދެއްވައެވެ."
މުސްލިމް އަޚުންނޭވެ! ދުނިޔޭގައި ކިބުރުވެރިވެ ބޮޑާވެގަތް ފިރުޢައުނުގެ ގާތަށް މާތް ﷲގެ މަތިވެރި ރަސޫލާ مُوْسَى عَلَيْهِ السَّلَام ފޮނުއްވި ހިނދު، އެ ނުބައި ފިރުޢައުނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވުމަށް މާތް ﷲ مُوْسَى عَلَيْهِ السَّلَامއަށް ވަޙީކުރެއްވި ބަސްފުޅާ މެދު ވިސްނާށެވެ! ފިރުޢައުނަކީ ބޮޑު ކާފިރެކެވެ. ކަލާނގެކަމަށް ދަޢުވާކުރި ނުލަފާ އަނިޔާވެރިއެކެވެ. ނަމަވެސް އޭނާއާ މުޚާޠާބުކުރެއްވުމަށް އަންގަވައިފައިވަނީ ވެސް މަޑުމައިތިރިކަމާއެކުގައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ފިރުޢައުނުގެ ގާތަށް ތިޔަ ދެ ބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ."
މި އާޔަތުގެ މާނައިން ދޭހަވާ ގޮތުގައި ދީން ޤަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުޚާޠަބުކުރާން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށެވެ. އެ ފަދަ މީހުންގެ މައްޗަށް ވެސް ހަރުކަށިވުމެއް ނެތެވެ. ވީއިރު އަހަރެމެން މުސްލިމުން އެކަކުއަނެކަކާ މުޢާމަލާތުކުރާ އިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑެވެ.
މުސްލިމް އަޚުންނޭވެ! އަހަރެމެން ކީރިތި ޤުރްއާނަށް ފުންކޮށް ވިސްނައިފި ނަމަ، މުޢާމަލާތުތަކާ ގުޅޭ ގިނަ އާޔަތްތަކެއް ހުރިކަން އެނގޭނެއެވެ. އެހެންކަމުން އަހަރެމެންގެ މުޢާމަލާތުތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ މުޢާމަލާތުތަކަކަށެވެ. ތިމާގެ ފުށުން އެހެން މުސްލިމަކަށް އެއްވެސް ގެއްލުމެއްދޭ މީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެކަމަށް އިޝާރަތްކުރައްވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ."[2] އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أُعْطِيَ حَظَّهُ مِنَ الرِّفْقِ فَقَدْ أُعْطِيَ حَظَّهُ مِنَ الْـخَيْرِ، وَمَنْ حُرِمَ حَظَّهُ مِنَ الرِّفْقِ فَقَدْ حُرِمَ حَظَّهُ منَ الْـخَيْرِ)[3] މާނައީ: "މަޑުމައިތިރިކަމުން މީހަކަށް ލިބެންވާ ނަސީބު ލިބިދެއްވިއްޖެ މީހާ ދަންނާށެވެ! ފަހެ، ހެޔޮ ކަމުން އޭނާއަށް ލިބޭންވީ މިންވަރު ދެވިއްޖެކަން ކަށަވަރެވެ. އަދި އޯގާވެރިކަމުގެ ސިފައިން މަޙުރޫމުވެއްޖެ މީހާ ދަންނާށެވެ! ފަހެ، ހުރިހައި ހެޔޮކަމަކުން އޭނާ މަޙުރޫމުވެއްޖެކަން ކަށަވަރެވެ." އެހެންކަމުން އޯގާވެރިކަމާއި ހިތްތިރިކަން މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ދަންނަވާން ތިޔަބައިމީހުން ހަނދުމަނައްތައިނުލާށެވެ!
މުސްލިމް އަޚުންނޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަޚުލާޤާއި ހެއު މުޢާމަލާތުގެ ސަބަބުންނެވެ. ثُـمَامَةُ بْنُ أُثَال رَضِيَ اللّٰهُ عَنْهُ އިސްލާމްވި ޙާދިޘާ ނިކަން އަޑުއަހާށެވެ! އޭނާ ހައްޔަރުކޮށްގެން ގެނެވި، މިސްކިތުގެ ތަނބެއްގައި ބަނދެވުނު ހިނދު، ނަބިއްޔާ z އޭނާގެ ގާތަށް ވަޑައިގެން ވަރަށް އޯގާތެރިކަމާ އެކު ވާހަކަފުޅުދައްކަވައި މުޢާމަލާތުކުރެއްވިއެވެ. އެންމެ ފަހުން އޭނާ އިސްލާމްކަން އިޢުލާނުކޮށް ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ! މާތް ﷲ ގަންދީ ބުނަމެވެ. މީގެ ކުރީން މި ބިންމަތީގައި ކަލޭގެފާނުގެ މޫނުފުޅަށް ވުރެ އަހުރެން ނަފުރަތުކުރާ އެހެން މޫނެއް ނުވެއެވެ. ނަމަވެސް މިއަދު ކަލޭގެފާނުގެ މޫނުފުޅަކީ، އަހުރެން އެންމެ ދެކޭހިތްވާ މޫނުފުޅަށް ވެއްޖެއެވެ. އަދި ކަލޭގެފާނުގެ ދީނަށްވުރެ ބޮޑަށް އަހުރެން ނަފުރަތުކުރި ދީނެއް ވެސް ނުވެއެވެ. ނަމަވެސް މިއަދު ކަލޭގެފާނުގެ ދީނަކީ އަހުރެންގެ ގާތުގައި އެންމެ ލޮބުވެތި ދީންކަމުގައި ވެސް ވެއްޖެއެވެ."[4]
މުސްލިމް އަޚުންނޭވެ! ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫނެވެ. އޭގެ ބަދަލުގައި ދީންވެރި މުސްލިމަކީ މަޢާފުކުރުން އިސްކުރާ މީހާއެވެ. އެއީ މާތް اللهގެ ޙަޟުރަތުގައިވާ ދަރުމައަށް އެދޭ މީހާއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ނުބައިކަމެއްގެ ޖަޒާއަކީ އެއާ އެއް ފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފި މީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތް މީހާގެ ސަވާބުވަނީ، اللهގެ حضرةގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރީން ދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ."