ތިބާއަށް ދެރަގޮތެއް މެދުވެރިވީ ޢަދާވާތްތެރިއަކު ކުރިކަމަކުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އެވިސްނުން ރަނގަޅެއް ނޫނެވެ. ޙަޤީޤަތުގައި އެއްވެސް މީހަކަށް ދެރައެއް ދިނުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އޭނާކުރާނީ މަސައްކަތެވެ. އެކަމެއް މެދުވެރިވާނީ ﷲ ތަޢަލާގެ އިރާދަފުޅުންނެވެ.
އެހެންވީމާ މީހަކު ކުރިކަމަކުން ދެރައެއް ލިބުނަސް ދެރަނުވާށެވެ! މާޔޫސްނުވާށެވެ! އެކަމުގެ ބަދަލުގައި މާހެޔޮގޮތްތައް ތިބާއަށް މިންވަރުކުރައްވަވާނެތެވެ. އަދި އެމީހަކަށް އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.
ވީމާ އަނެކާއަށް ދެރައެއް ދިނުމަށްފަހު މިކުރެވުނީ މޮޅުކަމެއްކަމަށް ހީކޮށް އުފާނުކުރާށެވެ! އެކަންވާނީ ލިބިގަނެވުނު ބޮޑު ދެރައަކަށެވެ.
ރަނގަޅަށް ވިސްނައިލާށެވެ! އެކުވެރިން ނުވަތަ އެކުގައި މަސައްކަތްކުރާ މީހުން ދޭ ދެރައިން ބޮޑެތި ގެއްލުންތައް ލިބޭ މީހުން އެއިގެ ދުވަސްކޮޅެއް ފަހުން މާއުފަލުގައި އުޅޭތަން ނުފެނޭހެއްޔެވެ؟ ދެރަދިން މީހުން މާނިކަމެތި ޙާލުގައި އުޅޭތަން ނުފެނޭ ހެއްޔެވެ؟ އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބު މިބުނީއެވެ. ވީމާ އަނެކާއަށް ދެރައެއް ދޭން ކުރާ ކަންކަމުން ޙަޤީޤީ ދެރަ ލިބޭނީ ދެރަދިން މީހަކަށެވެ.
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން
- މިއަދުނޫސް