ތިބާ ދެރަކުރާށާ ރުޅިގަދަކުރުވަން މަސައްކަތްކުރާ ބައަކު އަބަދުވެސް ތިބޭނެއެވެ. އަބަދުވެސް ހުންނަންވީ އެކަން ޤަބޫލުކޮށް އެކަމަށް ސަމާލުކަންދީގެންނެވެ. މިބުނެދެނީ މީހަކު އެފަދަ ކަމެއް ކުރިޔަސް އެމަޅީގައި ނުޖެހި ސަލާމަތުން ތިބާއަށް ހުރެވޭނެ ގޮތެވެ.
ޢާންމުކޮށް އަހަރެމެންނަށް ކަންކަން ކުރެވޭ ގޮތަކީ މީހަކު ތިމާ ރުޅިއަރުވަން ނުވަތަ ދެރަކޮށްލަން ބަހެއް ބުނެފިނަމަ އެމީހަކު ދެކެ ރުޅިއައުމެވެ. އެމީހާއަށް ރައްދު ދިނުމެވެ. ނަމަވެސް މިކިޔައިދެނީ މުޅިން ތަފާތު ގޮތަކަށް ކަންތައްތައް ކުރި ބުއްދިވެރިއެއްގެ ވާހަކައެވެ.
އޭނާ ރުޅި އެރުވުމަށް ނުވަތަ ދެރަކޮށްލުމުގެ ގޮތުން އެއްވެސް މީހަކު ބަހެއް ބުނެފިނަމަ އެމީހަކަށް ހަދިޔާކުރަނީ ޝުކުރިއްޔާ އެވެ. އަދި ޝުކުރިއްޔާ ހަދިޔާކުރަނީވެސް ހިނިތުންވުމާއިއެކުގައެވެ.
އެހެންވެ އޭނާ އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ އެއްދުވަހަކު މީހަކު ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ.
"ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ރުޅި އައުމުން ޝައިޠާނާ އުފާވާނެއެވެ. ރުޅި ނައުމުން ޝައިޠާނާ ވަރަށް ދެރަވާނެއެވެ. ވީމާ އަހަރެން ބޭނުންވަނީ އަބަދުވެސް ޝައިޠާނާ މާޔޫސްކޮށްލައި ދެރަކޮށްލާފައި ބަހައްޓާށެވެ.
ދެން އޮތީ މީހުން އަހަރެން ދެރަކޮށްލަން ދައްކާ ވާހަކައެވެ. މީހަކު އެއްޗެކޭ ކިޔުމަކީ އަހަރެންނާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެން މޮޅުކޮށް ދެރަކުރަން އެމީހަކަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ އަހަރެން ކަންކަން ކުރަނީ ވަރަށް ވިސްނައިގެންނެވެ. ވީހައި ރަނގަޅަކަށެވެ. އަހަރެން ކުރާ އަމަލު މިނެކިރަން އެއްވެސް މީހަކީ ކާކު ހެއްޔެވެ؟ އަހަރެން ކުރާ ޢަމަލުތައް ބަރާބަރަށް ލިޔުއްވަވަތެވެ. އަހަރެންގެ ޢަމަލުތައް މިނެ ކިރުއްވަވާނީ ﷲ ތަޢާލާއެވެ.
މިވިސްނުމުގައި ހުންނާތީ މީހަކު ބުނާ އެފަދަ އެއްވެސް ބަހަކާއިމެދު އަހަރެން ނުވެސް ވިސްނަމެވެ. ވީމާ ސިކުނޑިއަށް އެއްވެސް ބުރަކަމެއް ނުލިބެއެވެ."
--މިއަދުނޫސް
--ޢިބްރަތްތެރި ވާހަކަ