ދުނިޔޭގެ ޙަޔާތް ހޭދަކުރުމުގައި ބަލަންވީ ތިމާ ރުހޭ މީހާއާއިއެކުގައިވުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހުންނާއިއެކުގައިވުމަށެވެ. ތިމާ އެމީހަކަށް ކިތަންމެ ރުހުނަސް އަދި އެބައަކަށް ކިތަންމެ ރުހުނަސް އެމީހުން ތިބީ ތަޢާލާގެ ފަޅީގައި ނޫންނަމަ އެބައަކާއިއެކުގައި ހުރުމަކީ ﷲ ތަޢާލާގެ ފަޅި ދޫކޮށްލުމެވެ.
މުސްލިމް ޤައުމެއްގައި ޢުމުރުން 21 އަހަރުވުމުން މުސްލިމުންނަށް ބަނގުރާ ބުއިން ހުއްދަކުރި ކަމުގެ ޚަބަރުތައް ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމުން އަޑުއެހީ ކަންބޮޑުވެ ހިތާމަކޮށް ކަރުނައަޅާ ޙާލުގައެވެ. މިހާރު އިވޭ އެއް އަޑަކީ ޒުވާނުންނަށް އެމީހުން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުން ހުއްދަ މަގެއް މުސްލިމް ޤައުމެއްގައި ހަދަމުން އަންނަ ވާހަކައެވެ. އެމަގުވެގެންދާނީ ޒުވާނުން ނަރަކައަށް ވައްދައިދޭ މަގަކަށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.!
ޒުވާނުންނަށް ހެޔޮއެދޭނަމަ ކުރަން އޮތްކަމަކީ އެމީހުން ﷲ ތަޢާލާގެ ދީނާއި ގާތްކުރުވަން މަސައްކަތްކުރުމެވެ. އެމީހުން ކުރަން ބޭނުންވާހައި ކަމެއް ކުރަން ހުއްދަކުރުމެއް ނޫނެވެ. އެކަމަށް ފުރުޞަތުދިނުމެއްވެސް ނޫނެވެ.
ކީރިތި ޤުރްއާނާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް އިސްލާމް ދީނުގައި ސާބިތުކަމާއިއެކު ހިފަހައްޓަން މަސައްކަތްކުރާ މުސްލިމުންނަށް ތަފާތު ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ. ސިޔާސީ ގޮތުންނާއި އިޤްޠިޞާދީ ގޮތުން ވެސް ފިއްތުންތައް ގެންދަނީ ކުރިމަތިކުރުވަމުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ޖަމާއަތްތަކުން ގެންދަނީ ތަފާތު މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.
މީގެ އިތުރުން ފަށަމުން މިބުނި ފަދައިން އިސްލާމީ މުޖުތަމައުތައް ކަމަށް ބުނާ ބައެއް މުޖުތަމައުތަކުންވެސް ގެންދަނީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިކުރުވަމުންނެވެ. މައްސލަތައް ކުރިމަތި ނުވަނީ ކޮން ދިމާއަކުންކަންވެސް ބުނަން ނުއެނގޭ މިންވަރަށް މައްސަލަތައް މިވަނީ ގިނަވެފައެވެ.
މީސްތަކުންނޭވެ! ކުރިމަތިވާ މައްސަލަތަކަށް ނުބަލާށެވެ! ކެތްތެރިވާށެވެ! އިސްލާމް ދީނުގައި އެންމެ ފުރިހަމަ ގޮތުގައި ސާބިތުވާށެވެ! މިޒަމާނެވެ ކިޔައިގެން ދައްކާ ވާހަކަތކުގެ އަޑު ނުއަހާށެވެ! ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ވަކި ޒަމާނަކަށް ނޫނެވެ. އެ އާޔަތެއް ބާވައިލެއްވެވި ދުވަހުން ފެށިގެން ދުނިޔެ ނިމެންދެން އެ އާޔަތަކަށް ޢަމަލުކުރުމަށެވެ.
މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވުމެވެ. އެމީހުން ބޭނުންވާ ބައަކަށް އަމަލު ނުކޮށް ދޫކޮށްލާފައި އެމީހަކު އަމަލުކުރަން ބޭނުންވާ ބައަކަށް އަމަލުކރުމަކީ އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. އިސްލާމް ދީނުގައި ފުރިހަމައަށް ސާބިތުވެއްޖެ މީހަކަށް ނޫނީ މިދުނިޔެވެސް އަދި އާޚިރަތެއްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ! ވީމާ މުސްލިމުންނަށް އޮތީ ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބޭނީ މުންކަރާތްތައް ހިންގާ މީހުންނަށާއި ޤައުމަށް ނުބަލައި ޤުރްއާނާއި ސުންނަތަށް ބަލައިގެން ދުނިޔޭގަ އުޅުމެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން