މިމައްސަލަ ގިނައިން ކުރިމަތިވާނީ އަންހެނުންނަށެވެ. އޭނާއަކީ ފަޤީރެއްނަމަ ކައިވެނިކުރަން ކުރިމަތިލާނީ މަދު ފިރިހެނެކެވެ. ގިނަ ފިރިހެނުން ފަސްޖެހި ދުރަށްދާނީއެވެ. އެއީ އޭނާގެ ސަބަބުން ތިމާއަށް މާލީ ދަތިތަކެއް ކުރިމަތިވާނެކަމަށް ވިސްނޭތީއެވެ.
މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ހެޔޮ ގޮތުގައި ކައިވެނިކުރުމުން އަނބިމިހާގެ ރިޒުޤް ފިރިމީހާގެ އަތްމައްޗަށް ދެއްވަވާނެތެވެ. އެރިޒުޤަށް އަމާނާތްތެރިވާނަމަ ގެންދަވާނީ އިތުރުކޮށްދެއްވަވަމުންނެވެ. އިން ޝާ ﷲ
ކައިވެންޏަށްފަހު ހުރިހާ ޚަރަދުތަކެއް ކުރުމުގެ ޒިންމާ ފިރިންގެ ކިބައިގައި އަޅުއްވަވާފައިވާއިރު އެކަމަށް މަގެއް ދައްކަވާނެތެވެ. ފިރިންނަށް އޮތީ އެމަގު ހޯދަން ނުވަތަ ލިބިގަންނަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމެވެ.
ޤަބޫލުކުރަންޖެހޭނެ ކަމަކީ ކައިވެނިކުރިޔަސް އަދި ނުކުރިޔަސް އެންމެންނަށް ރިޒުޤް ދެއްވަވާނީ އެއްވަރަކަށް ނޫންކަމެވެ. އެކިމީހުންނަށް އެކިވަރަށް ކަމެވެ. އެމީހަކަށް ކަނޑައަޅުއްވަވާފައިވާ މިންވަރު އެމީހަކަށް ދެއްވަވާނެ ކަމެވެ.
ގިނަމީހުންނަށް ވިސްނެނީ މުއްސަނދިން ފަޤީރުންނާއި ކައިވެނިކުރުމުން މަކަރުވެރި ގޮތުގައި ކަންކަންކުރާ މީހުން އެކަންޏެވެ. ކައިވެނިކުރެވުނު ފަޤީރު މީހާގެ ސަބަބުން ތަނަވަސްކަން އިތުރުވެ ކުއަރައިގެންދިއަ މީހުންގެ މަތިން ހަނދާނެއް ނުކުރެއެވެ. އެކަމަކު ބޮޑުތަނުން ގިނަވާނީ ތަނަވަސްކަމުގައި ކުރިއަރަދެވުނު މީހުންނެވެ.
ވީމާ އަހުރެންގެ ނަޞީޙަތަކީ އަންހެނަކަސް އަދި ފިރިހެނަކަސް އަނެކާއަކީ ތިމާޢަށްވުރެ ނިކަމެތި ޙާލުގައި ހުރި މީހަކަށްވުމަކީ އޭނާއާއި ކައިވެނިނުކުރަން އޮތް ސަބަބަކަށް ނުހެދުމެވެ. ކައިވެނިކޮށް ﷲ ގެ ރަޙްމަތަށް އެދުމެވެ. އެއިރުން ﷲ ގެ ރުހިވޮޑިގަތުން އެމީހަކަށް ލިބި މާއުފާވެރި ގޮތްތައް މެދުވެރިވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން