ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ އަނބިމީހާއަށް ދޭންޖެހޭ ޙިމާޔަތް ނުދެވުނު ފިރިއެއްގެ ތަނަވަސްކަން ގެއްލި ނިކަމެތިވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ އަނބިމީހާއަށް ދޭންޖެހޭ ޙިމާޔަތް ނުދެވުނު ފިރިއެއްގެ ތަނަވަސްކަން ގެއްލި ނިކަމެތިވީ ގޮތުގެ ވާހަކަ-

އޭނާއަކީ މަސައްކަތްތެރި ހީވާގި އަންހެނެކެވެ.

ވަޒީފާއަށް ސަމާލުކަންދޭ އަންހެނެކެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. ފިރިމީހާއަކީވެސް ތަނަވަސް މީހެކެވެ. ހަމައެކަނި މައްސަލައަކީ ކައިވެންޏަށް 4 އަހަރުވީއިރުވެސް ދަރިއަކު ނުލިބޭކަމެވެ. އެކަންވެސް މައްސަލައަކަށްވަނީ މައިދައިތަ އަބަދު އެވާހަކަދައްކާތީއެވެ.  

އާދޭސްކޮށްކޮށްވެސް އެވާހަކަ ދެއްކުން ހުއްޓައިނުލުމުންނާއި އޭނާގެ ޙިމާޔަތުގައި ފިރިމީހާ ބަހެއް ނުބުނާތީ މާޔޫސްކަން ބޮޑުވަމުން ގޮސް ނިންމީ ފިރިމީހާ އާއި ވަކިވުމަށެވެ. އެއީ ދަރިއަކު ހޯދުމަކީ އޭނާގެ އިޚްތިޔާރުގައި އޮތްކަމަކަށް ނުވާތީއެވެ. އެހެންވެ ފިރިމީހާގެ ގާތުގައި ބުނެގެން ރީޔި ގޮތުގައި ވަކިވީއެވެ.  

ވަކިވަމުންވެސް ފިރިމީހާ ބުނީ އޭނާ ދެކެ ލޯބިވާ ކަމަށާއި މަންމަގެ ކުރިމަތީގައި ބަހެއް ބުނަން ނުކެރެނީ ކަމަށެވެ. އޭނާ އެވާހަކައަކަށް ޖަވާބެއް ނުދެއެވެ. އެތައް ސަތޭކަ ފަހަރު ވާހަކަދެއްކުމުންވެސް ޙައްލުނުކުރެވި އޮތީމައެވެ.  

އޭނާ އެކަނި އަހަރެއްހައި ދުވަހު ހުރެފައި ދެވަނަ ކައިވެނިކުރިއެވެ. ދެވަނަ ކައިވެނިކުރިތަނާހެން ކުންފުނީގެ އެންމެ އިސް މުވައްޒިފުގެ މަޤާމު ލިބުނެވެ. ވެރިއަކަށް ވެވުނެވެ. މުސާރަ ބޮޑުވެ ތަނަވަސްކަން އިތުރުވިއެވެ. ދެވަނަ އަހަރުގައި ދަރިއަކުވެސް ލިބުނެވެ.  

އެއްދުވަހެކެވެ. ވިޔަފާރިއާއިބެހޭ ކަމެއްގައި އެހެން ކުންފުންޏަކުން ބައްދަލުކުރަން އައުމުން މީޓިންގރޫމަށް ދިއައިރު އެމީހުންނާއިއެކު ކުރީގެ ފިރިމީހާ އިނުމުން ޙައިރާންވިއެވެ. ސަބަބަކީ ފިރިމިހާޢަކީވެސް ކުންފުންޏެއްގެ ވެރިއަކަށްވާތީއެވެ. ނަމަވެސް އެކަމަކަށް ބަހެއް ނުބުނެއެވެ. އެއީ ދަންނަ މީހަކަށްވެސް ނުހަދައެވެ. ބައްދަލުވުމުގެ ތެރެއިން އެނގުނީ ފިރިމީހާއަކީ މިހާރު އެކުންފުނީގެ މުވައްޒިފެއް ކަމެވެ.

ބައްދަލުވުން ނިމިގެން މީހުން ނުކުތްއިރު ފިރިމީހާ ނުނުކުމެ މަޑުކޮށްލައިގެން އިނުމުން އޭނާވެސް މަޑުކޮށްލިއެވެ. ފިރިމީހާ ކިޔައިދޭން ފެށިއެވެ. "ފިރިމީހާގެ ޒިންމާ ނުނެގުނުކަން ޤަބޫލުކުރަމެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތިބާ ވަކިވިފަހުން އަހުރެންގެ މަސައްކަތް ދިއައީ ދަށަށެވެ. ތިބާ ވަޒީފާއަދާކުރަމުންވެސް އަހުރެންނަށް ފޯރުކޮށްދިން އެހީތެރިކަން ލިބުން ހުއްޓުނީމައި ކަމަށް ޤަބޫލުކުރެވެއެވެ. ދެން މިއަދު އެވާހަކަ ދެއްކުމަކުން ކުރާނެ ފައިދާއެއްވެސް ނެތެވެ. އެކަމަކު ބުނެލެވުނީއެވެ."  

ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ވަޒީފާ ދޫކޮށްލައި ތިބާއާއިއެކު މަސައްކަތްކުރަން ތިބާ ބުނިބުނުން ޤަބޫލުނުކުރީ އިސްތިޚާރާކޮށްފައެވެ. އެކަން އެގޮތަށް ޤަބޫލުކުރެވުނު ނަމަ މިއަދު އުޅެންޖެހޭނީ ކޮން ޙާލެއްގައި ކަމެއްވެސް ނުއެނގެއެވެ. އަހުރެން ބެލީ ތިބާއަކަށް ނޫނީ ތިބާގެ ފައިސާޢަކަށްވެސް ނޫނެވެ. މާތް ﷲ އާއި ކުއްތަންވެވޭތޯއެވެ. ވަޒީފާއަދާކުރަމުން ތިބާއަށް މަސައްކަތްކޮށްދެމުން ރޭގަނޑު ހޭލައި އިނދެ ރޭއަޅުކަންކުރިކަން ތިބާއަށް އެނގޭނެއެވެ. ތިބާވެސް ތަޤްވާވެރިކަން އިޚްތިޔާރުކުރާށެވެ! ރަނގަޅު ގޮތް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ."  

މިއީ ގާތް ދެއެކުވެރިންގެ ޙަޔާތުގެ ވާހަކައެވެ. ބުނެލަން ބޭނުންވާ ފުރަތަމަ ކަމަކީ ރޭއަޅުކަމުގައި ދެމިހުންނާށެވެ! ބޮޑެތި ކަންކަން ނިންމުމުގެ ކުރިން އިސްތިޚާރާކުރާށެވެ. ހަމައެއާއިއެކު ގެވެށިއަނިޔާ ލިބެން ނުހުންނާށެވެ! އެއީ މީހާ ހުރިހާ ގޮތަކުންވެސް ނިކަމެތިކޮށްލާ ކަމެކެވެ. މިއެކުވެރިޔާ ފަދައިންވާށެވެ! އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝަމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން