އަމިއްލަ ވިޔަފާރިކުރިޔަސް ވަޒީފާއަދާކުރިޔަސް އަންހެނުން ސަމާލުކަންދޭންޖެހޭނެ ކަންކަން އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އަމިއްލަ ވިޔަފާރިކުރިޔަސް ވަޒީފާއަދާކުރިޔަސް އަންހެނުން ސަމާލުކަންދޭންޖެހޭނެ ކަންކަން އެބަހުރި!

އަމިއްލަ ވިޔަފާރިކުރިޔަސް އަދި ވަޒީފާ އަދާކުރިޔަސް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރުމެވެ. ދުނިޔޭގައި ކުށްވެރި ނުވުމަކީ އެކަމެއް ކުރުން ހުއްދަވުމެއް ނޫނެވެ. ވީމާ ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ސަމާލުކަންދޭންވާނެއެވެ. 

ތިރީގައިވާ ލިޔުން މިގެނެސްދެނީ ބައެއް ކިޔުންތެރިން މިމައްސަލައިގައި ސުވާލުކުރައްވަމުން ގެންދަވާތީއެވެ.  

އަޅުގަނޑުމެންގެ ބައްޕައަކީ ތަނަވަސް މީހެއްކަމަށް ބުނެވޭވަރުގެ މީހެއް ނޫނެވެ. ނަމަވެސް ފުދުންތެރިއެކެވެ. ތިބީ 2 އަންހެން ދަރިންނެވެ. ދޮންތަ ކިޔަވައި ނިމިގެން ބޭނުންވީ ވިޔަފާރިއެއް ކުރާށެވެ! އެހެންވެ ބައްޕަ ވަނީ ގޭގައި ކުޑަ ފިހާރައެއް ހުޅުވައިދީފައެވެ.  

ދޮންތަގެ މަސައްކަތްދަނީ ކުރިއަރަމުންނެވެ. މިހާރު ކޮންމެ މަހަކުހެން ދަތުރެއް އެބަކުރެއެވެ. ތުރުކީ، ދުބާއީ ފަދަ ޤައުމުތަކަށެވެ. ދޮންތަގެ ވިޔަފާރިކުރިއަރާތީ އުފާވެއެވެ. ދޮންތައަށްޓަކާ ހެޔޮ ދުޢާވެސް ކުރަމެވެ. ނަމަވެސް އަޅުގަނޑު ކަންބޮޑުވާ ކަމެއް އެބައޮތެވެ. އެއީ ދޮންތަ އެކަނި ދަތުރުތައްކުރާކަމެވެ. އެވާހަކަ ދެއްކީމާ ދޮންތަ އަންނަނީ އަޅުގަނޑު ދެކެ ރުޅިއެވެ.  

އަޅުގަނޑުގެ ސުވާލަކީ ދޮންތަ އެގޮތަށް އެކަނި ދަތުރުކުރަން ހުއްދަވާނެތޯއެވެ؟  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ވަރަށް ފުރިހަަމ ޖަވާބެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ. ލިޔުން ދޮންތައަށް ޙިއްޞާކުރައްވާށެވެ!  

މިއަދު ކުރިމަތިވާ މައްސަލައެކެވެ. ވިޔަފާރިކުރާ އަންހެނުން މުދައު ހޯދަން ބޭރު ޤައުމުތަކަށް ދަނީއެވެ. އެކަނބުލޭގެގެ އެޖެންޓަކީ ނުވަތަ އެހީތެރިއަކީ ފިރިހެނަކަށްވެދާނެއެވެ. އަދި އެމީހަކީ އެޖެންޓް ކަމުގައި ވުމަކީ ދެމީހުން އެކަނި ވަގުތުތައް ހޭދަކުރަން ލިބޭ ހުއްދައެއް ނޫނެވެ. ހަމަ އެއާއިއެކު އެޖެންޓް އެމީހެއްގެ ޤައުމަކީ އެހެން ޤައުމަކަށްވުމަކީވެސް އޭނާ އާއިއެކު އެކަހެރިވުން ހުއްދަކުރާ ސަބަބެއް ނޫނެވެ. ވީމާ ކޮންމެ މަސައްކަތެއް ކުރިނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތޔަކުގައި ހިފަހައްޓާށެވެ.  

އަންހެނުންނަކީވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އެއްވެސް މަސައްކަތެއް ކުރުން މަނާވެގެންވާ ބައެއް ނޫނެވެ. ވިޔަފާރިވެސް ކުރަންވީއެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އެހެން މަސައްކަތްތައް ވެސް ކުރަންވީއެވެ. އޮތީ ހަމަ އެކަނި އެންމެ ޝަރުޠެކެވެ. ﷲ ތައާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ކަންކަން ކުރުމެވެ. މިކަމުގައި ޚަދީޖާ (ރޢ) ވަނީ ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.  

ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ މަސައްކަތެއްވެސް ކޮންމެ އަންހެނަކުވެސް ކުރަންވީއެވެ. އެކަމަށް ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ހަމައެއާއިއެކު ޤަބޫލުކުރަންވީ އަންހެނުން މަސައްކަތެއް ކުރި ކަމަށްވާނީ ވަޒީފާ އަދާކުރުމުން ނުވަތަ ވިޔަފާރިކުރުން ފަދަ ގޮތަކުން އެކަނި ނޫން ކަމެވެ. ފިރިމީހާއަށާއި ދަރިންނަށާއި ޢާއިލާއަށް ކޮށްދޭ ކަންކަމަކީވެސް ހަމަ ބަރަކާތް ލެއްވެވިގެންވާ، ދެ ދުނިޔޭގައިވެސް ތިމާއަށް ފައިދާކުރާނެ މަސައްކަތްކަމެވެ.

 

- ޢަބްދުއްރަޙީމް ގްރީންގެ ދަރުސަކުން

 

މިއަދު އޮންލައިން