އެއީ އެހާ ތަނަވަސް އަންހެނެއް ނޫނެވެ. ނަމަވެސް ދީލަތި ހިތެއްގެ ވެރިއެކެވެ. އޭނާގެ ސަމާލުކަމަށް އަންނަންފެށީ ސަލާނަޖަހަން އިންދައި ކުރިން ނުފެންނަ މުސްކުޅި އަންހެނެކެވެ. އޭނާގެ މައްޗަށް ހަމްދަރުދީ އުފެދި ކާންދޭން ފެށިއެވެ. ކާންދޭތާ ހަފްތާއެއްވެސް ނުވަނީސް އެއަންހެން މީހާ ގެއްލިއްޖެއެވެ. ވީގޮތެއް ނުއެނގުނެވެ. އެheންކަމާއިއެކުވެސް އޮފީސް ނިމިގެން އަންނަމުން ކޮންމެ ދުވަހަކުވެސް އެދައްތަ ފެނޭތޯ ބަލައެވެ.
އެއްދުވަހަކު އެސަރަޙައްދު ހޯދަމުން ދަނިކޮށް އައިސް މަޑުކޮށްލީ އަގުބޮޑު ކާރެކެވެ. ކާރުން ފެއިބީ އެދައްތައެވެ. ގާތުގައި ހުރީ ޒުވާނެކެވެ. ދައްތަ އެދުނީ އޭނާއާއިއެކު ކާރުގައި ގޮސްލުމަށެވެ. ދައްތައަށް އިތުބާރުކޮށްފައި އެކަމަށް އެއްބަސްވެ ކާރަށް އެރިއެވެ.
ކާރުގޮސް މަޑުކޮށްލީ އަގުބޮޑު ގެއަކަށެވެ. ސިޓިންގރޫމްގައި ތިބެގެން ދައްތަ ކިޔައިދޭން ފެށިއެވެ.
"ދައްތަ އެތަނުގައި އިންދައި މިޒުވާނާގެ ކާރުން ދައްތަގެ ގައިގަ ޖެހުނީމާ މިގެއަށް ގެނައީއެވެ. މިއީ ވަރަށް ހިތްހެޔޮ ޒުވާނެކެވެ. ތަނަވަސްކަން ހުރި ޒުވާނެކެވެ. އަނބިމީހާ ލަނޑުދިނުމުން އެހުރީ އެކަނިވެފައެވެ. އެއްވެސް އަންހެނަކަށް އިތުބާރުނުކުރަން ނިންމައިގެންނެވެ. ނަމަވެސް ދައްތަ ވިސްނައިދީގެން އެހުރީ ތިއަ ދަރިފުޅާއި ގުޅެން ތައްޔާރުވެފައެވެ. ދައްތައަށް ކަމެއްކޮށްދޭނެނަމަ ދެކުދިން ގުޅި އަވަހަށް ކައިވެނިކުރާށެވެ!"
މަހެއްވެސް ނުވަނީސް ދެމީހުންގެ ކައިވެނިކުރެވުނެވެ. މިލިއަނަރު ޢޭނާ ބަލައިގަތީ އޭނާއަކީ ރީތީގެ ރާނީއަކަށްވެގެނެއް ނޫނެވެ. އޭނާގެ ހިތްހެޔޮކަމަށް ބަލައިގެންނެވެ. ދަތިޙާލުގައި ތިބޭ މީހުންނަށް އޭނާގެ ފެންވަރުން އެހީތެރިވެދޭތީއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ދަތިޙާލެއްގައި އުޅެންޖެހިފައިވާ މީހުންނަށް އެމީހެއްގެ ފެންވަރުން އެހީތެރިވާށެވެ! އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިކޮސްދެއްވަވާނެއެވެ. އިން ޝާ ﷲ
- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ