އަންހެނުންނަށް ޚާއްޞަ: ދޮށީއަނބިމީހާއާ ލިބިފަތިބި ދަރިން ނިކަމެތިކުރާ މީހަކު ދެވަނަ އަނބިމިހާއަށް ދޭނެ ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަންހެނުންނަށް ޚާއްޞަ: ދޮށީއަނބިމީހާއާ ލިބިފަތިބި ދަރިން ނިކަމެތިކުރާ މީހަކު ދެވަނަ އަނބިމިހާއަށް ދޭނެ ދެރަ މާބޮޑުވާނެ!

ކައިވެނީގައި ދަރިން ލިބިފައިވަނިކޮށް ދެވަނަ އަންތބަކު ހޯދީއެވެ. ދޮށީ އަނބިމީހާއަށާއި ދަރިންނަކަށް އަޅައެއް ނުލައެވެ. ޚަރަދެއް ނުކުރެއެވެ. ޙާލުވެސް ނުބަލައެވެ. އެޙާލަތުގައި ގިނަ ފަހަރު ދެވަނަ އަނބިމީހާ އިންނާނީ ވަރަށް އުފަލުންނެވެ. އެއީ ފިރިމީހާ އޭނާއަށް މިލަކްވީކަމަށް ވިސްނައިގެންނެވެ.  

ނަމަވެސް ބުނަންހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް2 ނޫނެވެ. ކުށެއް ނެތި ދޮށީ އަނބިމީހާއަށް އިހްމާލްވާ އަދި ތިމާއަށް ލިބިފައިތިބި ދަރިންނަށް އަޅައިނުލާ މީހަކު ހަމައެކަކަށްވެސް ތެދުވެރިއެއް ނުވާނެއެވެ. އޯގާތެރިއެއްވެސް ނުވާނެއެވެ. އެއްވެސް މީހަކަށް ރަޙުމެއްވެސް ނުކުރާނެއެވެ.

އެއްވެސް މީހެއްގެ ކިބައިގައި ހަރުލާފައި ހުންނަ ނުރަނގަޅު ސިފަތަކާ ޝަޚްޞިއްޔަތަކީ އެހާ ފަސޭހައިން ބަދަލުވާނެ ކަންކަމެއް ނޫނެވެ. ދެވަނަ އަންބަކު ލިބުމަކީ ހުރިހާ ކަމެއް އިޞްލާޙްކޮށް ރަނގަޅު މީހަކަށް ބަދަލުވާނެ ސަބަބެއް ނޫނެވެ. ވީމާ ދެވަނަ އަނބިމީހާއަށްވެސް ޖައްސާނީ ހަމައެޙާލަތެވެ.  

އެމީހެއްގެ ހިތުގަ ރަޙުމް ހުރި މީހަކު ދޮށީއަނބިމީހާއާއި ދަރިން ނިކަމެއްޗެއް ނުކުރާނެއެވެ. އެމީހުންނަށް ރަޙުމްކުރާނެއެވެ.  

ދަންނާށެވެ! ދެވަނަ އަނބި ހުއްދަކުރައްވަވާފައިވަނީ ޒިންމާތައް އިތުރުވާނެ ގޮތަށެވެ. ދެއަނބިންގެ މެދުގައި ހަމަހަމަކުރުމާއި އަލައިލުމާއި ލޯބިދިނުމެވެ. އެކަންކަން ނުކުރެވޭނަމަ އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ.

ވީމާ ދެވަނަ އަންތބަކު އިޚްތިޔާރުކުރުމުގެ ކުރިން އަމިއްލަ ނަފުސާއި ސުވާލުކުރަންޖެހޭނެ ކަންކަން އެބަހުއްޓެވެ. އެއީ ތިމާގެ އަނބިދަރިންނަށް އަދާކުރަންޖެހޭ ޒިންމާ އަދާކުރެވޭ ހެއްޔެވެ؟ އިތުރު ބުރައެއް އުފުލުމުގެ ޤާބިލުކަން އެބަހުރިހެއްޔެވެ؟ ޚަރަދުކުރާނެ ފައިސާ އެބަހުރިހެއްޔެވެ؟ ނުވަތަ އެވަރަށް ތިމާއަށް ފައިސާ ލިބޭ ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތިމާއަށް ކަންކަން ކުރެވޭ ހެއްޔެވެ؟  

ޖަވާބަކީ އާނއެކެވެ ނޫންނަމަ ދެވަނަ ކައިވެނިކުރުމެއް ނެތެވެ. ކޮށްގެން ކުރިމަތިވާނީ އިތުރު މައްސަލަތަކެވެ. ދުނިޔެއާއި އާޚިރަތްވެސް ގެއްލޭނީއެވެ.

 

- އުސްތާޛާ މަރްޔަމް މުޙައްމަދު

- މިއަދުނޫސް 

މިއަދު އޮންލައިން