ހިޖުރީ އައު އަހަރެއް ފެށި ކުރިއަށްދަނީއެވެ. ހިޖުރައިގެ ވާހަކަތައް ދައްކަމުއެވެ. ހިޖުރައަކީ ކޮބައިކަންވެސް ޢިލްމްވެރިން ބަޔާން ކުރައްވައެވެ. ނަމަވެސް ރަނގަޅު މާނަ ނެގެނީ މަދުމީހަކަށެވެ.
ރާއްޖެއަށް ބަލައިފިނަމަ ހުރި މައްސަލަތަކާއިއެކުވެސް އަދިވެސް ރާއްޖެއަކީ މުސްލިމް އުންމަތް ފަޚުރުވެރިވާ ޤައުމެކެވެ. އިސްލާމީ ނޫރު މަތިވެރިކުރަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ޤައުމަކީ ރާއްޖެއެވެ. ރައްޔިތުން އިސްލާމް ދީނުގައި ޘާބިތުވެ ތިބުމަށް އެންމެ ބޮޑަށް ހިތްވަރުދޭ ޤައުމަކީވެސް ރާއްޖެއެވެ.
މިކަންކަން ޙަޖަމް ނުކުރެވޭ ﷲ ގެ ޢަދާވާތްތެރިން ރާއްޖޭގައިވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އެމީހުން ދީނުގެ ވާހަކައެއް ނުދައްކައެވެ. ކަންކަން ކުރަމުން ގެންދަނީ ރައްޔިތުން އިސްލާމް ދީނާއި ދުރުހެލިވާނެ ގޮތަށެވެ. އެމަޅީގައި ބައަކަށް އަންނަނީ ޖެހެވެމުންނެވެ.
މިއީ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. އެމީހުންނާއިއެކުގައި ތިމާހުރިނަމަ އެމީހަކު ހިމެނޭނީ ﷲ ތަޢާލާގެ ދީނާ ދެކޮޅަށް ނުކުމެހުރި މީހަކަށެވެ. އިސްލާމީ ނޫރު ރާއްޖެއިން ފުހެލުމަށް ވާގިވެރިވާ މީހަކަށެވެ. އެއީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
ވީމާ ހިޖުރައިގެ މިއަހަރަކީ ތިމާ ﷲ ތަޢާލާގެ ފަޅިއަށް ޖެހިލާ އަހަރުކަމަށް ހެދުން ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ދީނަށް ނިކަމެތިކަންދޭން މަސައްކަތްކުރާ މީހުންނާއި ދުރަށްޖެހި ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން މަސައްކަތްކުރާ މީހުންގެ ފަޅިއަށް ޖެހިލާ އަހަރުކަމަށް ހދަމާތޯއެވެ؟
ޔަޤީންކަމަކީ މަރުވާނެ ކަމެވެ. ޤިޔާމަތް ދުވަހު މަޙްޝަރުކުރައްވަވާނެ ކަމެވެ. ކުރެވުނު ކޮންމެ ޢަމަލަކަށް ޖަވާބުދާރީވާންޖެހޭނެ ކަމެވެ.
ގުޅުންހުރި ލިޔުމެއް! ޚުޠުބާއަކުން:
ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން!
މާތް اللهގެ އަޅުތަކުންނޭވެ! އަންނަ އާދީއްތަ ދުވަހަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހެވެ. އެހެންކަމުން، ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންވެއްޖެ
ކަމެކެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެކެވެ. އެ ގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ. ފަހެ ރަސޫލާ ﷺ ޙަދީޘް ކުރައްވައިފައި ވެއެވެ.
عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ: (قَالَ رَجُلٌ: يَا رَسُوْلَ اللهِ أَيُّ الْـهِجْرَةِ أَفْضَلُ ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ)[1] މާނައީ: ޢަބްދުالله ބުނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި މީހަކު ދެންނެވިއެވެ. الله ގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ
ކަންތަކާ ދުރުވުމެވެ."
މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ﷺ
މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ ﷺ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި
ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައެވެ. މި ދަތުރުފުޅަށް މައްކާއިން ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.
(وَاللهِ إِنَّكِ لَـخَيْرُ أَرْضِ اللهِ، وَأَحَبُّ أَرْضِ اللهِ إِلَى اللهِ، وَلَوْلَا أَنِّيْ أُخْرِجْتُ مِنْكِ مَا خَرَجْتُ)[2]
މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ގެ ޙަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކަލޭގެފާނު ތިޔަ ބިމުން ނެރެ ނުލެވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން ނުކުމެވަޑައެއްނުގެންނެވީމުހެވެ."
އަދި ހަމަ އެހެންމެ، صُهَيْبُ الرُّوْمِيْ رَضِيَ اللهُ عَنْهُގެ ހިޖުރައިގެ ޙާދިޘާއަކީ ވެސް ވަރަށް މަތިވެރި ޤުރުބާނީއެކެވެ. އެކަލޭގެފާނުގެ އަރިހުގައި މައްކާގެ މުޝްރިކުން ބުނީ ކަލޭގެފާނުގެ މުޅި މުދާ ދޫކުރައްވައި ހިޖުރައަށް ވަޑައިގެންނެވިދާނެކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މިލްކިއްޔާތު اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މި ކަން އެނގިވަޑައިގަތުމުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ)[3] މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާ ހުރި ވިޔަފާރިއެއް ކުރައްވައިފި އެވެ." މި ކަމާ ގުޅޭ ގޮތުން الله ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެ އަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."
ޚުޠުބާ: ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެކަންކުރަން ފެށުމުގެ ކުރީން އެކަމެއް ފުރިހަމައަށް ރޭވުމާ، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖެއްސުން-
މިއަދުނޫސް
اللهގެ އަޅުތަކުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުމެވެ. މި ގޮތުން ބަހައިލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެކެވެ.
ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަތް ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ ﷺ އަވަހާރަކޮށްލަން ރާވައިފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ޤުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ ﷺ ދިފާޢުކުރައްވައި، އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَاއެވެ.
އެ ކަމަނާ ކާތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެ ބޭކަލުންނަށް ފަރިއްކޮޅުއެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ، ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ. އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވައެވެ.
މުސްލިމް އަޚުންނޭވެ! ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާ ﷺ އަށް ދެންނެވިއެވެ. الله ގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު އެ މީހެއްގެ ދެ ފައިތިލައަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މި ތިއްބެވި ތަން ފެންނާނެއެވެ. ފަހެ އެހިނދު ރަސޫލާ
ﷺ ޙަދީޘް ކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللهُ ثَالِثُهُمَا)[4] މާނައީ: "އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި الله ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ." މިފަދަ ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު، ދެމިތިބުމަށް ޢަޒުމު ކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ ވެވުނުހައި މަސައްކަތެއް ކުރާށެވެ!
މުސްލިމް އަޚުންނޭވެ! އިސްވެ މި ބަޔާންކުރެވުނު ސާބިތުކަމުގައި ރަސޫލާ ﷺ ދެމިހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެވަޑައިގެންފައި ވަނީ މާތް الله އެކަލޭގެފާނާއި، އަބޫބަކުރުގެފާނު ޙިމާޔަތްކުރައްވައި ނަޞްރު ދެއްވާނެކަމެވެ. އެ ގޮތުން މައްކާގެ މީހުން ބޮޑު އިނާމު ހުށައަޅައިގެން، ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދާން ކުރި މަސައްކަތް الله سُبْحَانَهُ وَتَعَالَى ނާކާމިޔާބުކުރައްވައި އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ފަހެ الله سُبْحَانَهُ وَتَعَالَى އެ ކަން ބަޔާންކުރައްވައި ވަޙީކުރެއްވި އާޔަތުގެ މާނައިގައި ވެއެވެ.
"ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، اللهُ، އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެ މީހުން ކުރެ އެކަކު ކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللهއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."
ޚުޠުބާ: ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ރަސޫލް (ޞޢޥ) މައްކާއިން މަދީނާ އަށް ވަޑައިގެން މަދީނާގަ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާ!
ޢަބްދުއްލަޠީފް
މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ مُحَمَّدٌ رَسُولُ اللهِ z ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާއެވެ. ކީރިތި ރަސޫލާ ﷺ الله ގެ މަގަށް ގޮވައިލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވިއެވެ. އެ ރަށުގެ އަހުލުވެރީންގެ ފަރާތުން މި ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ.ާ
އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައެވެ.
މުސްލިމް އަޚުންނޭވެ! ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅެވެ. اللهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުމެވެ.
މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވެއެވެ. މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހެކެވެ. އެއީ އާޝޫރާ ދުވަހެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވެއެވެ. މާތް ނަބިއްޔާ ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. އަލްއިމާމު އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.
"އެދުވަހުގެ ކުރިން އެއް ދުވަހު ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުން ސުންނަތް ވެގެންވެއެވެ." ވީމާ، މިސުންނަތް ޙާޞިލުކުރާން އެދޭ މީހާއަށް އޮތީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަހާއި، އެ ދުވަހުގެ ކުރީން ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުމެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (صِيَامُ يَوْمِ عَاشُوْرَاء، إِنِّيْ
أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِيْ قَبْلَهُ)[1] މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ." މިފަދަ މާތް ދުވަސްތަކުގައި ރޯދަހިފުމަށް ދަހިވެތިވާ ބަޔެއްކަމުގައި الله سُبْحَانَهُ وَتَعَالَى އަޅަމެން އެންމެން ލައްވާނދޭވެ! އަދި އެ ދުވަސްތަކުގައި ރޯދަހިފުމުގެ ހެޔޮ ދަރުމަޔާއި ޘަވާބު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އާމީން.
(10) رواه مسلم (١١٦٢)