ޢާއިޝަތު ރަފާޙް ޢަލީ
2. ސަޖިދައިގައި ގިނައިރުވުމުން ސަޖިދައިގެ ޢަދަދާމެދު ޝައްކުވުން:
ސުވާލު: ނަމާދުގެ ސަޖިދައިގައި އަމިއްލަ ބަހުން ދުޢާކުރަން ގިނައިރު އޮތުމުގެ ސަބަބުން، މީއީ ފުރަތަމަ ސަޖިދަތޯ ނުވަތަ ދެވަނަ ސަޖިދަތޯ އޮޅޭގޮތްވެއެވެ. ނަމަވެސް އިނީ ކެތްތެރިކަމާއެކު ކޮން ރަކުޢަތެއްގައިކަން ހަނދާން ހުރެއެވެ. މިފަދަ ޙާލަތެއްގައި ހަދާނީ ކިހިނެއް؟
ޖަވާބު: އަޚް ޙަމްޒާ އެ އެއްސެވީ، ސަޖިދައިގައި ގިނައިރުވުމުން އެއީ ފުރަތަމަ ސަޖިދަތޯ ނުވަތަ ދެވަނަ ސަޖިދަތޯ އޮޅޭވާހަކައެވެ. މިކަން މިގޮތަށް އަބަދު މެދުވެރިވާނަމަ، އަޅުގަނޑު އިލްތިމާސްކުރަނީ ސަޖިދަ މާބޮޑަށް ދިގުނުކުރުމަށެވެ. ސަބަބަކީ ނަމާދުގެ ތަރުތީބު ހިފެހެއްޓުމަށާއި، ހަނދާންނެތުމުން ދުރުހެލިވުމަށާއި، ޝައިޠާނާ އަށް ވަސްވާސްދިނުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައެވެ. މިއީ އިސްކަންދޭންޖެހޭ ކަމެކެވެ.
ޢައްމާރު ބިން ޔާސިރު رَضِيَ اللَّهُ عَنْهُ ސުންނަތް ނަމާދެއް ތަންކޮޅެއް އަވަހަށް ކުރެއްވުމުން، އަޞްޙާބުބޭކަލަކު ދެންނެވިއެވެ: "ކަލޭގެފާނު ނަމާދު ތިޔަ ކުރެއްވީ ވަރަށް އަވަހަށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނު ނަމާދުގެ އެއްވެސް ރުކުނެއް ނުވަތަ ވާޖިބެއް އުނިކުރެއްވިން ހެއްޔެވެ؟" އެބޭކަލަކު ދެންނެވިއެވެ: "ނޫނެކެވެ." ވިދާޅުވިއެވެ: "އެހެންވިއްޔާ ތިމަންކަލޭގެފާނު ކަންތައް ކުރެއްވީ ރަނގަޅަށެވެ. ސަބަބަކީ ޝައިޠާނާ ތިމަންކަލޭގެފާނު ނަމާދުން ޣާފިލުކުރުމުގެ ކުރިން ތިމަންކަލޭގެފާނު އެޝައިޠާނާއާ ވާދަކޮށް އަވަސްވެގަތީއެވެ."
ދެ ރަކުޢަތް ނަމާދެއްގައި 10 މިނެޓު ހޭދަކޮށް، މީހުންނަށް ދެއްކުމަށް މަޑުމައިތިރިކަމާއެކު ނަމާދުކުރިޔަސް، ސިކުނޑިން ވިސްނެނީ ގަންނަންޖެހޭ ތަކެތީގެ ލިސްޓާއި، ދައްކަންޖެހޭ ދަރަނިތަކާއި، ކާރު ދޮންނަން ގެންދާނެ ގޮތުގެ ޚިޔާލުގައިނަމަ، އެ ނަމާދުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެފަދަ މީހަކު ވަނީ ގެއްލެނިވެގެންނެވެ.
އެއިގެ ބަދަލުގައި، 5 މިނެޓު ތެރޭގައި ދެ ރަކުޢަތްކޮށް، "سُبْحَانَ رَبِّيَ الْعَظِيمِ" އާއި "سُبْحَانَ رَبِّيَ الْأَعْلَى" ސަމާލުކަމާއެކު 3 ފަހަރު ކިޔައި، ހިތްހަމަޖެހިގެން ސަމާލުކަން ނުކެނޑި ނަމާދު ނިންމާލުން މާހެޔޮކަން ބޮޑެވެ. މިއީ އަޅުގަނޑުގެ ނަޞޭޙަތެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް