ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތައް އަދި ފައުޅުނުވިނަމަވެސް މިޙަދީޘްފުޅުގައިވާ ކަންކަން ޢާންމުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ޤިޔާމަތްވުމުގެ ބޮޑެތި ޢަލާމާތްތައް އަދި ފައުޅުނުވިނަމަވެސް މިޙަދީޘްފުޅުގައިވާ ކަންކަން ޢާންމުވެއްޖެ!

ތިމާއަށް އެކަމަކުން ސީދާ އަސަރުނުކުރާނަމަ އެކަމަކަށް ކަންބޮޑުވާ މީހުން ަމދުވެއްޖެއެވެ. ޤިޔާމަތްވުމުގެ ކަންތަކުގައިވެސް މިވަނީ އެފަދަ ގޮތެކެވެ. އަހުރެމެންގެ ޙަޔާތުގައި ޤިޔާމަތް ނުވާނެކަމަށް ބަލައި ބިރުނުގަނެވެނީއެވެ.  

އާނއެކެވެ! ޤިޔާމަތްވާން ކައިރިވުމުން ފައުޅުވާނެ ބޮޑެތި ޢަލާމާތަތައް އަދި ފައުޅެއް ނުވެއެވެ. ވީމާ ހުޅަނގުފަރާތުން އިރުއަރާތަން މިހާރު ދުނިޔޭގައި ހުރި އެއްވެސް މީހަކަށް ނުފެނިދާނެއެވެ. ނަމަވެސް ކުދިޢަލާމާތްތައް މިދަނީ ފެންނަމުންނެވެ.  

އެންމެ ބޮޑަށް ވިސްނަން އޮތް އެއް ކަމަކީ މިފަދަ ޒަމާނެއްގައި ތިމާ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރުމެވެ. ފައިކައްސާލައިފިނަމަ ސަލާމަތް ނުވެވޭނެތީއެވެ. ފައިކައްސާލައި ނަރަކައަށް ވެއްޓިގަންނަ މީހުން ގިނަވަމުން މިދަނީ އެކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ.  

އެއްބައަކު އަބަދުހެން ސުވާލުކުރަނީ ޤިޔާމަތްވުން ކައިރިވުމުގެ ޢަލާމާތްތަކާއިބެހޭގޮތުންނެވެ. ގިނަ ބައަކު އެފަދަ ވާހަކަތައް ވަރަށް ޝައުޤުވެރިކަމާއިއެކު އަޑުއަހައެވެ. ފޮތްތައް ކިޔައެވެ. އެހެނަސް ހިތަށް އެއްވެސް އަސަރެއް ކުރާކަމާއިމެދު ސުވާލުއުފެދެނީ އެކަންކަމަށް ދޭންޖެހޭ ސަމާލުކަން ދެމުންގެންދާތަން ޢަމަލުން ނުފެންނާތީއެވެ. ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަތަން ނުފެންނާތީއެވެ.  

ޙަދީޘްފުޅުގައި އޮތީ މިފަދައިންނެވެ.  

"މީސްތަކުންނޭވެ! ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި މީސްތަކުން ނަމާދަށް ފަރުވާ ކުޑަކުރާނެއެވެ. އަޅުކަން ކުރަން ފަރުވާ ކުޑަކުރާނެއެވެ. ފަރުވާތެރިއެއް ނުވާނެއެވެ. 

ބިންތައް އުސް އިމާރާތްތަކުން ފުރިގެންދާނެއެވެ.  

ވައުދު ނުފުއްދި ނަމަވެސް ﷲ ތަޢާޅާ ގަންދީ ގިނަގިނައިން ހުވާ ކުރާނެއެވެ.  

އެކަކަކު އަނެކަކަށް ވަރަށް ގިނައިން ހުތުރު އެއްޗެތިކިޔައި އުޅޭނެތެވެ.  

ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ހިންގުން ޢާންމުވާނެއެވެ. އެޒަމާނުގައި މީސްތަކުން އެމީހުންގެ ޢާޚީރަތް ވިއްކާފައި ދުނިޔޭގެ ވަގުތީ އުފާތައް ގަންނާނެއެވެ." 

މިކަންކަން ހިނގުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިއިން އެއްވެސް ޢަލާމާތެއް ފެނިޖެ ނަމަ (މިއިން ކަމެއް ކުރާ މީހަކު ފެނިއްޖެނަމަ ނުވަތަ ކުރާތަން ފެނިއްޖެ ނަމަ) އެކަމަކާއި ދުރުހެލިވުމަށެވެ.  

މިއަދު މިހުރިހާ ކަންކަން މިވަނީ ޢާންމުވެ ނިމިފައެވެ. މިކަންކަން ފުޅައުދާއިރާއެއްގައި ހިނގަމުން ނުދާ ޤައުމެއް، މުޖުތަމައުއެއް ނެތްކަމަށް ބުނެވިދާނެއެވެ. އެހައި ބޮޑަށް މިކަންކަން މިވަނީ ޢާންމުވެފައެވެ. އެހެންކަމުން މިކަންކަމުން ސަލާމަތްވެ ހުރުމަކީ އެހައި ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން މިކަންކަމުން ސަލާމަތްވެ ހުރެވޭނެ ގޮތަކާއިމެދު ޞަޙާބީއަކު ސުވާލު ދެންނެވުމުން ރަސޫލް (ﷺ) ދެއްވެވީ ވަރަށް ކުރު ޖަވާބެވެ.  އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވީ، "ތިބާ މަރުވެއްޖައުމަށް ދާންދެން ކަންފަތުން އަޑު ނުއެހުމަށާއި ދެ ލޮލުން ނުބެލުމަށާއި ދޫ ރައްކައުތެރިކުރުމަށާއި ދެއަތް ރައްކައުތެރިކުރުމަށެވެ." 

މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! ތިބާ ދިރިއުޅޭ މުޖުތަމައުގައި މީގެ ތެރެއިން ނުހިނގަނީ ކޮންކަމެއް ހެއްޔެވެ؟ އަދިވެސް ބުނަން ހެއްޔެވެ؟ އަނިޔާވެރިވުމާއި ފާފަތައްކުރުން ފަދަ ކަންކަން އެމީހަކު ދިރިއުޅޭ މުޖުތަމައުގައި ޢާންމުވުމުން އެހެން ކޮންމެ ވެސް ތަނަކަށް ހިޖުރަ ކުރަން ބައެއް މީހުން ވިސްނާނެއެވެ. ނަމަވެސް ހިޖުރަ ކުރާނެ ވަކި ރަނގަޅުތަނެއް ނުފެންނާނެއެވެ. އަމިއްލަ ގެއަށް ވަދެ ދޮރުތައް ތަޅުލި ނަމަވެސް ސަލާމަތްކަމެއް ނުލިބޭނެއެވެ. ގޭތެރެއިން ބައްދަލުވާނީ ޝައިޠާނާގެ އެޖެންޓުންތަކާއިއެވެ. 

އެއް ބައަކު މިބުނަނީ އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް ޙަރާމްވަނީ ކަމަށެވެ. ނޫނެކެވެ. އެކަން ވެގެން އުޅެނީ އެހެންނަކުން ނޫނެވެ. މީގެ 1450 އަހަރުކުރިން އިސްލާމް ދީނުގައި ހަރާމް ކުރައްވަވާފައިވާ ކަންކަން ކުރަމުން ކުރަމުން އައިސް ޙަރާމް ކަންތައްތައް ކުރުމުން ދުނިޔެ ފުރުނީއެވެ. އެއީ އެއްވެސް ޙާލެއްގައި މީސްތަކުން މިހާރު މިކުރާ ހުރިހާ ކަންކަން އިސްލާމް ދީނުގައި ޙަރާމްވުމެއް ނޫނެވެ.

 

- ބިލާލް އއައްސަދުިގެ ދަރުސަކުން

 

 

މިއަދު އޮންލައިން