ކައިވެނީގެ ބާއްޖަވެރިކަމުގެ ސިއްރު: ކަންކަމަށް ދޫދިނުމާއި ދެމަފިރިންގެ ރަނގަޅު ސިފަތަކަށް ބެލުން!: ޝެއިޚް އާސިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 42ސ
ކައިވެނީގެ ބާއްޖަވެރިކަމުގެ ސިއްރު: ކަންކަމަށް ދޫދިނުމާއި ދެމަފިރިންގެ ރަނގަޅު ސިފަތަކަށް ބެލުން!: ޝެއިޚް އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ކައިވެނީގެ ދިރިއުޅުން ބާއްޖަވެރިކޮށްދޭ އެންމެ މުހިންމު އެއް އަސާސަކީ ބައިވެރިޔާގެ ފަރާތުން ފެންނަ ކުދިކުދި އުނިކަންކަމަށް ދޫދިނުމެވެ. މިއީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުންނާއި ނަބަވީ ސުންނަތުން ސާބިތުވާ ކަމެކެވެ. މާތް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "މުއުމިން ފިރިއަކު އޭނާގެ މުއުމިން އަނބިމީހާ ދެކެ ނުރުހުންވެގެން ނުވާނެއެވެ. އޭނާގެ ކިބައިގައިވާ ސިފައަކަށް ނުރުހުންވި ނަމަވެސް، އެހެން ސިފައަކަށް އޭނާ އުފާކުރާނެއެވެ."

މި ޙަދީޘްފުޅުގެ މުރާދަކީ، ބައިވެރިޔާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފައަކަށްވުރެ ބޮޑަށް، އޭނާގެ ކިބައިގައިވާ ރަނގަޅު ސިފަތަކަށް އިސްކަންދިނުމެވެ. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، އަނބިމީހާގެ ކިބައިގައި ހުރި އުނިކަމަކާ ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ، އަޅުގަނޑުގެ ޖަވާބަކީ އޭނާގެ އެއްވެސް އުނިކަމެއް ނެތް ކަމެވެ. އަދި އަޅުގަނޑުގެ އުނިކަންކަމާ ގުޅޭގޮތުން އަނބިމީހާއާ ސުވާލުކުރިޔަސް، އޭނާގެ ޖަވާބަކީވެސް އެއީއެވެ. 

މިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ މާތްﷲގެ ފަޟްލުވަންތަކަމާއެކު އަޅުގަނޑުމެން ކައިވެނިކޮށްގެން އުޅޭތާ މިހާރު 42 އަހަރު ވެއްޖެއެވެ. މިހާ ދިގު މުއްދަތެއްގައި އުފާވެރިކަމާއެކު ދެމިތިބުމުގެ އަސްލަކީ، އަނބިމީހާގެ ފަރާތުން ފެންނަ ނުރަނގަޅު ކަންކަން ހަނދާން ނުބެހެއްޓުމެވެ. އޭނާގެ ކިބައިގައިވާ ހެޔޮ ސިފަތަކާއި ރަނގަޅު ކަންކަން މާ ގިނަވުމުގެ ސަބަބުން، ކުދިކުދި އުނިކަންކަން އެ ރަނގަޅު ސިފަތަކުގެ ތެރޭގައި ފޮރުވިގެންދަނީއެވެ. އަޅުގަނޑުމެން ދެމަފިރިންވެސް އަމަލުކުރަނީ މި އުޞޫލުން ކަމަށްވާތީ، ﷲގެ އިރާދަފުޅާއެކު ދުވަހަކުވެސް ބޮޑު ޒުވާބެއް ކުރާކަށް ނުޖެހެއެވެ. 

މިއަދުގެ މުޖުތަމައަށް ބަލާއިރު، ގިނަ ގޭގޭގައި މި މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. ގިނަ ބަޔަކަށް ފެންނަނީ ހަމައެކަނި ބައިވެރިޔާގެ ނުރަނގަޅު ކަންކަމެވެ. މިއީ ބިއްލޫރި ތަށްޓެއްގެ ދެބައިކުޅަ އެއްބައި ފުރިފައި ހުއްޓާ ފެނުމުން، އޭގައި ހުރި މިންވަރަށް ނުބަލައި، ހުސްކޮށް އޮތް ބަޔާ މެދު ޝަކުވާކުރުން ފަދަ ކަމެކެވެ. ތަފާތަކީ ހަމައެކަނި ތިމާ ބަލާ ގޮތެވެ. ދިރިއުޅުމުގެ ރަނގަޅު ކަންކަމުގެ އަގުވަޒަންކޮށް، އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް ހަނދާންކުރާނަމަ، ދިރިއުޅުން އުޖާލާވާނެއެވެ. ނަމަވެސް ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، މާޒީގެ ހިތްނުތަނަވަސްކަންކަން ހަނދާންކުރާނަމަ ދިރިއުޅުން ބަރުބާދުވެގެންދާނެއެވެ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ، ތިޔަބައިމީހުންނަށް ހިތްހަމަޖެހުން ލިބުމަށްޓަކައި، ތިޔަބައިމީހުންގެ ތެރެއިން ބައިވެރިން އުފެއްދެވުމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި ރަޙުމް ލެއްވިއެވެ. އެހެންކަމުން، ބައިވެރިޔާގެ ކިބައިން ފެންނަ ކުދިކުދި އުނިކަންކަމުގެ ޝަކުވާކޮށް، މާޒީގެ ހިތްދަތި ހަނދާންތައް އައުކުރުމުގެ ބަދަލުގައި، އެކަކު އަނެކަކަށް ދިން ޚިދުމަތްތަކާއި ވީ ގުރުބާނީތައް ހަނދާންކޮށް، ލޯތްބާއި ރަޙުމާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ. އޭރުން ކޮންމެ ކައިވެންޏަކީވެސް އުފާވެރި ބާއްޖަވެރި ދަތުރަކަށް ވާނެއެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްހެ ދަރުސަކުން 

- މިއަދުނޫސް

 

                   

                   

މިއަދު އޮންލައިން