ސަމާލުކަންދީފިނަމަ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބި އިތުރުވާނެ ބައެއް ކަންކަން! އިން ޝާ ﷲ: ޝައިޚް ޑރ ސާޖިދް އުމަރް

ކިޔުމަށް ހޭދަވާނީ 1މ 30ސ
ސަމާލުކަންދީފިނަމަ ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބި އިތުރުވާނެ ބައެއް ކަންކަން! އިން ޝާ ﷲ: ޝައިޚް ޑރ ސާޖިދް އުމަރް

އައިޝަތު ރަފާޙް ޢަލީ

 

ދިރިއުޅުމުގެ އޮއިވަރު ހުންނަ ގޮތުން، ކައިވެނީގެ ތެރޭގައި ލޯބީގެ މިންވަރު ދަށްވާ ފަދަ ޙާލަތްތައް ކުރިމަތިވެދާނެއެވެ. އެފަދަ ދަނޑިވަޅުތަކުގައިވެސް، މާތްﷲ ދެމަފިރިންގެ ދެމެދުގައި ލައްވާފައިވާ އޯގާތެރިކަން ހަނދާން ނައްތާނުލާށެވެ. ލޯބީގެ އިޙްސާސްތައް ކުޑަވާ ވަގުތުތަކުގައިވެސް އޯގާތެރިކަން އިސްކުރުމަކީ ލާޒިމު ކަމެކެވެ. 

ޙައްޖުގެ މަތިވެރި އަޅުކަމުގައި ޢަރަފާތް ބިމުގައި ހާޒިރުވެ ހުރުން (ވުޤޫފް) މަޖުބޫރުވާ ފަދައިން، ކައިވެނީގައިވެސް ދެމަފިރިން އެކަކު އަނެކަކަށް ވަގުތުދީ، ހާޒިރުވެ ހުރުން ބޭނުންވެއެވެ. އެއީ ހަމައެކަނި ފޯނުން ނުވަތަ ޑިޖިޓަލް ވަސީލަތްތަކުން ގުޅުން ބޭއްވުމެއް ނޫނެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެކަކު އަނެކަކަށް ފުރިހަމަ ސަމާލުކަންދީ، ވަގުތު ހޭދަކުރުމެވެ. 

ލޮބުވެތި އުޚުތުންނޭވެ! ތިޔަ ކަނބަލުންގެ ހިތުގައި ފިރިންނަށްޓަކައި އޮންނަ ޝުޢޫރުތައް ފާޅުކުރާށެވެ. ބައެއް ފަހަރު ފިރިންނަށް އެ އިޙްސާސްތައް އަމިއްލައަށް ދެނެގަންނަން ދަތިވެދާނެއެވެ. އެހެންކަމުން، ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް، ތިމާ ކުރާ ކަންކަމަކީ ލޯބީގެ ރަމްޒެއްކަން އޭނާއަށް ވިސްނައިދޭށެވެ. 

ޚުލާޞާ ގޮތެއްގައި ދަންނަވާނަމަ، ކައިވެންޏަކީ މާތްﷲއަށް އަދާކުރެވޭ އަޅުކަމެއްގެ ގޮތުގައި ދެކިގެން، އަނބިފިރިކަމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތްކުރާށެވެ. އޭރުން ޢާއިލީ ގުޅުން ބަދަހިވެ، ހެޔޮލަފާ ދަރިންތަކެއް ބިނާކުރެވި، އުފާވެރި ދިރިއުޅުމެއް ލިބޭނެއެވެ. މިކަންކަމާ މެދު ފުންކޮށް ވިސްނައި، އިޞްލާޙްވާންވީ ކަންކަން އިޞްލާޙްކޮށް، ކައިވެނީގެ ގުޅުން ބަދަހިކުރުމަށް އަޒުމް ކަނޑައަޅާށެވެ. 

މާތްﷲ އަޅުގަނޑުމެން އެންމެންގެ ކައިވެނިތަކަކީ ބަރަކާތްތެރި، އުފާވެރި ކައިވެނިތަކެއް ކަމުގައި ލައްވާށިއެވެ. އާމީން.

 

- މިއަދުނޫސް

 

                

މިއަދު އޮންލައިން