ކުރެވޭ ކައިވެނި ޞައްޙަވުމާއިމެދު އެނގެންޖެހޭނެ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކުރެވޭ ކައިވެނި ޞައްޙަވުމާއިމެދު އެނގެންޖެހޭނެ ކަންކަން!

ވަކިމީހަކާ ކައިވެނިކުރަން އަންހެންދަރިފުޅަށްވެސް އަދި ފިރިހެން ދަރިފުޅަށްވެސް މަޖުބޫރުކޮށްގެން ނުވާނެއެވެ. ކައިވެނިކުރެވެންވާނީ ދެމީހުންވެސް އެކަމަށް ރުހި ޤަބޫލުވެގެންނެވެ. މަޖުބޫރުކުރުވައިގެން ކުރާ ކައިވެނި ޞައްޙައެއް ނުވާނެއެވެ. މިފަދަ މައްސަލަތައް ބޮޑުވެ ސުވާލުތައް ލިބޭލެއް ގިނަކަމުން މިގެނެސްދެނީ ކައިވެނި ޞައްޙަވުމާއިމެދު ކޮންމެހެން އެނގެންޖެހޭނެ ކަންކަން ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ   

އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް:  

ށ. އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް: 

އިސްލާމްދީނުގައި ކައިވެނިކުރުމުގެ ވަރަށް މަތިވެރި އުޞޫލުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން، ކައިވެނީގެ ރުކުންތަކަކާއި، ޝަރުޠުތަކެއްވަނީ ލައްވަވާފައެވެ. މިއިންކަމެއް އުނިވެއްޖެނަމަ ކައިވެނި ބާޠިލުވާހުއްޓެވެ. މިގޮތުން ކައިވެނީގެ ރުކުންތައް ތިނެކެވެ.  

ފުރަތަމައީ: ކައިވެނިކުރާ ދެމީހުންނަކީ، ކައިވެނީގެ ޞައްޙަކަމަށް ހުރަސްއެޅޭފަދަ އެންމެހާކަމަކުން ސަލާމަތްވެފައިވާ ދެމީހުންނަށް ވުމެވެ. މިދެމީހުންނަކީ، އެކަކުއަނެކަކާ ކައިވެނިކުރުން ޙަރާމް ދެމީހުންނަށްވެގެން ނުވާނެއެވެ.  

ދެވަނައީ: އީޖާބެވެ. އީޖާބަކީ ވަލީވެރިޔާ ނުވަތަ އެމަޤާމުގައިވާ މީހާ، ކައިވެނިކުރާ ފިރިމީހާއަށް "ތިމަން މިވެނި އަންހެނަކު ތިބާއާ ކައިވެނިކޮށްދީފީމެވެ." މިފަދަ ސާފު ބަހަކުން ވަލީދިނުމެވެ.  

ތިންވަނައީ: ޤަބޫލެވެ. އެއީ، ކައިވެނިކުރާ ފިރިހެންމީހާ "ތިމަން މިކައިވެނި ޤަބޫލުކޮށްފީމޭ" މިފަދަ ސާފު ޢިބާރާތަކުން ކައިވެނި ޤަބޫލުކުރުމެވެ. 

ހަމައެހެންމެ، ކައިވެނީގެ ހަތަރު ޝަރުޠެއްވެއެވެ.  

ފުރަތަމައީ: ކައިވެނި ކުރާ ދެމީހުންނަކީ ކޮންބައެއްކަން ސާފުކޮށް އެނގުމެވެ.  

ދެވަނައީ: ކައިވެނިކުރާ ދެމީހުންވެސް އެކަކު އަނެކަކާމެދު ރުހުމެވެ. އެއިގެ ތެރެއިން އެކަކު ދެކޮޅު ހެދިނަމަވެސް ކައިވެނި ޞައްޙަނުވާނެއެވެ. 

ތިންވަނައީ: ކައިވެނީގެ ވަލީއެވެ.  

ހަތަރުވަނައީ: ކައިވެނީގެ ދެހެކިންނެވެ. 

އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ކައިވެނީގެ ރަން ދިނުމަކީ ވާޖިބެކެވެ. ރަން ކިޔުމުގައި މެދުމިންގަނޑެއް ޚިޔާރުކުރުމަކީ އިސްލާމްދީން މަގުދައްކާގޮތެވެ. 

އަޅުގަނޑުމެން މިމަތިވެރި އުޞޫލުތަކަށް ވިސްނާލައިފިކަމުގައިވާނަމަ އަޅުގަނޑުމެނަށް އެނގިގެންދާނީ އިސްލާމްދީނުގެ ފުރިހަމަކަމެވެ. އަދި އިސްލާމްދީނަކީ ފަރުދީގޮތުންނާއި އިޖްތިމާޢީގޮތުން މަޞްލަޙަތަށް ރިޢާޔަތްކުރާ ދީނެއްކަމެވެ. މިރުކުންތަކާއި ޝަރުޠުތަކާއެކު ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ.

 

- ޝައިޚް މުޙައްމަދު ސިނާން

މިއަދު އޮންލައިން